މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ މިރޭ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 5 މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
އަޟްޙާ ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ބާއްވާ މި ހަވާ އެރުވުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާނީ ވިލިމާލެއާ ދިމާ ކަނޑުމަތީގައެވެ.