އައްޑޫ ސިޓީގައި ޤާއިމުކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތުގެ ތެރެއިން، އެ ތަނަށް ބޭނުންވާ އިންޖީނުތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ މި މުހިންމު މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަފީފު ވިދާޅުވީ، ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްތައް މެދުނުކެނޑި ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢަކީ އައްޑޫގެ މުޅި ކަރަންޓުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސް އާއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދާ އިންޖީނުތައް އުފެއްދުމުގެ މަރުހަލާއަކީ މަޝްރޫޢުގެ އެންމެ މުހިންމު އެއް ބައެވެ. މި މަސައްކަތް ނިމި އިންޖީނުތައް އިންސްޓޯލް ކުރެވުމުން، އައްޑޫ ސިޓީގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.