ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ފައިދާއިން ދައުލަތަށް މިހާތަނަށް 160 މިލިޔަން ރުފިޔާ ލިބިފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 36 އިންސައްތަ ދަށް އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ވާގޮތުން، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް ލިބިފައިވަނީ 160 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 258 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއަހަރުގެ ބަޖެޓުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 552 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން މިހާތަނަށް ދައުލަތަށް ލިބިފައިވަނީ ޖުމްލަ އާމްދަނީގެ 30 އިންސައްތައެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު އެއް ސަބަބަކީ ކުންފުނިތަކުގެ ފައިދާ ދަށްވުމެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑިވިޑެންޑާއި އެހެން ގޮތްގޮތުން ދައުލަތަށް ފައިދާއާއި އިންޓްރެސްޓުގެ ގޮތުގައި 769 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެއެވެ. މީގެ ތެރެއިން މިހާތަނަށް ދައުލަތަށް ލިބިފައިވަނީ މުޅި ޖުމްލަ 243 މިލިޔަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ލަފާކޮށްފައިވާ އަދަދުގެ 31 އިންސައްތައެވެ.