ރާއްޖޭގައި ބޭސް ނުލިބުމުގެ މައްސަލައަށް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް އުފައްދާފައިވާ ކުންފުނި، ސްޓޭޓް ފާމާއިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހާ ހިސާބަށްދާއިރު ބޭސް ލިބުމުގައި ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ދިގު މުއްދަތުގެ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ބޭނުންވާ ބޭހާއި، ރާއްޖެއިން ހޯދަން އުނދަގޫ ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. "ދެން މިހާރު މި ކުރެވޭ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ގެންދެވި، އެއްކަމަކަށް ރެގިއުލަރ ބޭހުގައި، އަބަދުވެސް މި ދިގު މުއްދަތުގެ ބޭހުގައި މިއުޅޭ ފަރާތްތަކުގެ އެ ކަންބޮޑުވުން ޙައްލުކުރުމާއި، ދެން މިހެންގޮސް ހަމަ ރާއްޖެއިން ނުލިބޭ ބޭސްތައް، ބޭސް ހޯދުމުގައި ދިމާވާ ދަތިތައް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލަ ހައްލުކުރުމުގައި އަމިއްލަ ސެކްޓަރާއެކު ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ޔަގީންކަން ދެއްވި ގޮތުގައި މިހާރު ފެށިފައިވާ ޕްރޮސެސްގެ ތެރެއިން އަހަރުގެ މެދަކާ ހަމައަށްދާއިރު ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ފެނިގެންދާނެއެވެ.