މަންމައާ ބައްޕަ ދުނިޔޭގަ ތިބެ ޙައްޖުވެފައިވީނަމަވެސް ތިބާ އެމީހުން ދުނިޔޭގަ ނެތަސް ޙައްޖުވެސް ޢުމުރާވެސް ކޮށްދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މަންމައާ ބައްޕަ ދުނިޔޭގަ ތިބެ ޙައްޖުވެފައިވީނަމަވެސް ތިބާ އެމީހުން ދުނިޔޭގަ ނެތަސް ޙައްޖުވެސް ޢުމުރާވެސް ކޮށްދެވޭނެ!

މައިންބަފައިން ދުނިޔޭގައި ތިބެ ޙައްޖުވެފައިވާނަމަ އެމީހުންނަށްޓަކާ ޙައްޖުވެވޭނެތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންވެ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

މައްޔިތާގެ މަތިން ޙައްޖާއި ޢުމްރާ އަދާކުރުމަކީ އެންމެ ހެޔޮވެގެންވާ އެއް ޢަމަލެވެ. އޭގެ ސަބަބުން މަރުވެފައިވާ މުސްލިމު އަޅާއަށް ނުހަނު ފައިދާ ކުރާނެއެވެ. މިކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ އެކި ފަހަރު މަތިން ސުވާލުދެންނެވުން އެކަލޭގެފާނު ޙަދީޘްކުރެއްވި(ބަސްފުޅުގެ މާނައިގައިވެ)އެވެ.

"ތިބާގެ ބައްޕަގެ މަތިން ޙައްޖުވާށެވެ." 

އަދި ސުވާލުކުރި އަންހެނަކަށް ޙަދީޘްކުރެއްވިއެވެ.

"ކަނބުލޭގެ ބައްޕަގެ މަތިން ޙައްޖުވާށެވެ." 

އަދި އެހެން ބޭކަލަކަށް ޖަވާބުދެއްވިއެވެ.

"ތިބާގެ މަންމަގެ މައްޗަށް (ޙައްޖުވާށެވެ.)"  

އަދި މީހަކު ބުނާތީ އެކަލޭގެފާނަށް އިވިވަޑައިގަތެވެ. 

"ޝުބްރުމާގެ މަތިން ތަލްބިޔާކިޔަމެވެ."  

ޙަދީޘްކުރެއްވިއެވެ.

"ޝުބްރުމާއަކީ ކާކު ހެއްޔެވެ؟"  

އެމީހަކު ދެންނެވިއެވެ.

"އެއީ ތިމަންގެ އަޚެކެވެ. ނުވަތަ ގާތްތިމާގެ މީހެކެވެ."  

ޙަދީޘްކުރެއްވިއެވެ.

"އަމިއްލަ ނަފްސުގެ މައްޗަށް ޙައްޖު އަދާކޮށްފިން ހެއްޔެވެ؟" 

ދެންނެވިއެވެ.

"ނޫނެކެވެ."  

ޙަދީޘްކުރެއްވިއެވެ.

"ތިބާގެ އަމިއްލަ ނަފްސުގެ މަތިން ޙައްޖުކުރާށެވެ. ދެން އެއަށްފަހު ޝުބްރުމާގެ މަތިން ޙައްޖުކުރާށެވެ." 

ފަހެ މީސްތަކުން އެކި ބަޔަށް ބެހިގެންވެއެވެ. 

އެގޮތުން ފަރުޟު ޙައްޖުކޮށް ޢުމްރާ އަދާކޮށްފައިވާ މީހުންވެއެވެ. ފަހެ، އެފަދަ މީހެއްގެ މައްޗަށް އަދާކުރަނީ ސުންނަތް ޙައްޖެކެވެ. އޭނާގެ އަޚެއް ނުވަތަ ބައްޕަ ނުވަތަ މުސްލިމު އަޚަކުވިޔަސް އެކަން ކޮށްދިނުމަކީ އެންމެ ރަނގަޅުގޮތެކެވެ. ޢުމްރާކުރުންވެސް ހަމަ އެފަދައެވެ. 

ނަމަވެސް އެފަދަ މީހަކު މަރުވިއިރު ޙައްޖާއި ޢުމްރާއަދާކޮށްފައި ނުވާނަމަ ކުރިން ޙައްޖާއި ޢުމްރާކޮށްފައިވާ މީހަކަށް އެފަދަ މީހެއްގެ މަތިން ޙައްޖާއި ޢުމްރާ އަދާކުރެވިދާނެއެވެ. މައްޔިތާއަށް ވެސް އެ ޢުމްރާކޮށްދޭ މީހާއަށްވެސް އޭގެ އަޖުރު ލިބޭނެއެވެ. އެއީ އެކަމަކީ ހެޔޮޢަމަލެއްކަމުގައިވާތީއެވެ.

މައްޔިތާއަށް އިޙްސާންތެރިވުމުން އޭނާއަށް އަޖުރުލިބެއެވެ. ހަމައެއާއެކު މައްޔިތާއަށްވެސް އަޖުރުލިބެއެވެ. 

އަދި ޞަދަޤާތް ދިނުމާއި ދުޢާކުރުމުންވެސް އެފަދައެވެ. އެޞަދަޤާތް ދޭ މީހާއާއި މައްޔިތާއަށްވެސް އަޖުރުލިބެއެވެ. އެއީ އެދެމީހުންވެސް އެހެޔޮކަމުގައި ޝާމިލުވާތީއެވެ. އަދި މަރުވެފައިވާ އަޚާއަށް ދުޢާކޮށްދިނުމަކީވެސް އެފަދަކަމެކެވެ. ދުޢާކުރާމީހާއަށް އަޖުރުލިބި މައްޔިތާއަށްވެސް އެދުޢާގެ ސަބަބުން ފައިދާކުރެއެވެ.

فتاوى نور على الدرب

 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން