އަނބިމީހާއަށް އިހާނެތިކޮށް ހިތުމަކީ މަންމަ ގެއިން ފޮނުވާލަންވެދާނެ ކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަނބިމީހާއަށް އިހާނެތިކޮށް ހިތުމަކީ މަންމަ ގެއިން ފޮނުވާލަންވެދާނެ ކަމެއްތަ؟

އަޅުގަނޑު ފުރަތަމަ މިކިޔައިދެނީ އެކަން ހިނގި ގޮތެވެ. އެއީ ވަރަށް ލޯބިން ވަކިން ދިރިއުޅޭ ދެމަފިރިންނެވެ. ފިރިމީހާގެ މަންމަ ގެއަށް ގެނައީ އަނބިމީހާގެ ބަނޑަށް 7 މަހުގައި ބައެއް ދުވަސްދުވަހު ވަރަށް ވަރުބަލިކޮށް އުޅޭތީ އެހީތެރިއަކަށް ބޭނުންވާތީއެވެ. މަންމަ ގެއަށް ގެނައިތަނުން އެއްބަނޑު އަންހެންކޮއްކޮވެސް އަތުވެއްޖެއެވެ.  

އެހިސާބުން ކަންތައް ބަދަލުވީ ދިމާ އިދިކޮޅަށެވެ. އަނބިމީހާއަށް އެހީތެރިވުމުގެ ބަދަލުގައި އެކަންވީ އަނބިމީހާއަށް ޖެހުނު ބޮޑު ބުރައަކަށެވެ. އެމީހުންނަށްވެސް ކަންކަން ކޮށްދޭންޖެހޭތީއެވެ. އެއިގެ އިތުރުން މައިދައިތައާ ފަހަރީގެ ކިބައިން އިވެންފެށީ މާޔޫސްވާންޖެހޭފަދަ ބަސްތަކެވެ. އެކަންކަން ރަނގަޅުކުރަން ފިރިމީހާ ނަޞީޙަތްތެރިވުމުންވެސް ސަމާލުކަންނުދީ އެމީހުން ކަންކަންކުރަމުންދިއައީ ހިތަށް އެރިގޮތަކަށެވެ.

އަނބިމީހާ ޝަކުވާނުކުރިނަމަވެސް ކަންކަން ލޮލަށް ފެންނާތީ ފިރިމީހާއަށް ކެތްނުކުރެވިގެން މަންމަޢާއި ކޮއްކޮގެ ގާތުގައި އެނބުރި ދިއުމަށް އެދުމުން އެކަންވީ ބޮޑު މައްސަލައަކަށެވެ. މައިމީހާއަށާއި ކޮއްކޮއަށް އިހާނެތިކޮށް ކަންކަންކުރިކަމަށެވެ. ގެއިން ނުކުމެގެން ދިއައީ ދެމަފިރިންނަށް ނުބައިބަސްތައް ބުނަމުންނެވެ.  

އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި ފިރިމީހާ ކަންތައް އެކުރީ ރަނގަޅަށްތޯއެވެ؟ މަންމަ ފޮނުވާލަންވެދާނެތޯއެވެ؟  

ތިއަ މައްސަލައަށް ބަލާއިއިރު މަންމަ ކުރިން އުޅުނީ އެގެއަކު ނޫނެވެ. ވަކިންނެވެ. އެގެއަށް ގެންދެވުނީ މަޤްޞަދެއް އޮވެގެންނެވެ. އެމަޤްޞަދު ޙާޞިލުނުވިތަނުގައި މާބަނޑު އަނބިމީހާއަށް އެކަން ތަކުލީފަކަށްވެ ބޮޑު މައްސަލައަކަށްވުމުން އެނބުރި މަންމަ ކުރިން ގެއަށް ދިއުމަށް ބުނުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެއީ އަނބިމީހާއަށްޓަކައި ކުރިކަމެއް ނޫނެވެ. ދެމަފިރިންގެ ދިރިއުޅުމަށާއި އަނބިމީހާ އިން ޙާލަތަށް ބަލައި ކުރަންޖެހޭނެ ކަމެކެވެ. 

އެކަމުގައި ދެވަނަ ވިސްނުމަކަށްދާންޖެހޭނީ މައިމީހާ ކުރިންސުރެ އެގޭގައި ދިރިއުޅެމުން އައިނަމައެވެ. ނުކުމެގެންގޮސް އުޅެވޭނެ ގޮތެއް ނެތް ނަމައެވެ. އެއިރުން ޖެހޭނީ އިތުރަށް ވިސްނާށެވެ.  

މިބާވަތުގެ މައްސަލަތަކުގެ ޙައްލަކީ ޅީދަރިފުޅަކީވެސް އަމިއްލަ ދަރިއެއްކަމަށް ބަލައިގެން އެހީތެރިވެދިނުމެވެ. އަމިއްލަ އަންހެނަދަރިފުޅަކާއިމެދު މަންމައަކު އެގޮތަކަށް ކަންކަމެއް ނުކުރާނެއެވެ. ބަލާނީ އެހީތެރިވެދެވޭތޯއެވެ.  

އިތުރަށް ބުނެލަން އޮތީ މިފަދަ ޙާލަތެއް މެދުވެރިޔަސް މަންމައާއި ގުޅުން ކަނޑައިނުލާށެވެ. މަންމަގެ ޙައްޤުތައް އަދާކުރާށެވެ. އެހީތެރިވެދޭށެވެ. މަންމައާއި ބާއްވަންޖެހޭ ގުޅުމަކީ ޖެހޭ މައްސަލައަކާއިހުރެ ކަނޑައިލެވޭނެ ގުޅުމެއް ނޫނެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން