މާލޭގައި ހަދާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީ ކުރުމަށް ދަމަނަވެށި ވަގުތީ ގޮތުން ބަންދުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
މާލޭގައި ހަދާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީ ކުރުމަށް ދަމަނަވެށި ވަގުތީ ގޮތުން ބަންދުކުރަނީ

މާލޭގައި ތަރައްޤީކުރާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ މަސައްކަތް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ. މި ބަދަލާ ގުޅިގެން ދަމަނަވެށިން ދެމުން އައި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެހެން ތިން ސަރަހައްދަކުން ޚިދުމަތް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ދިވެހިންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ދެވަނަ ސެންޓަރު ޤާއިމް ކުރަނީ ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރ ހިންގަމުން އައި އިމާރާތުގައެވެ. އެހެންކަމުން އެ އިމާރާތް އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެތަނުގެ ބޭނުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

ސިއްޚަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ދަމަނަވެށި ބަންދުކޮށްފައި ހުންނަ މުއްދަތުގައި މާލޭގައި އެ ޚިދުމަތްތައް ދޭނީ މާފަންނުގައި ޤާއިމްކޮށްފައިވާ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުންނެވެ. މީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުންނާއި، ފޭސް 2 ގެ 16 ވަނަ ޓަވަރުގައި ހުންނަ ޖީޕީ ކްލިނިކް މެދުވެރިކޮށެވެ.

އާންމު ސިއްޙަތުގެ ނިޒާމުގެ ދަށުން ދަމަނަވެށިން ގިނަގުނަ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމުގެ އިތުރުން ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތަކާއި ކައުންސެލިން ޚިދުމަތްވެސް އެތަނުން ފޯރުކޮށްދެމުންދެއެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ސެންޓަރުތައް މެދުވެރިކޮށް ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދީ، ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމެވެ.

މިއަދު އޮންލައިން