މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި، އަންނަ އޮތް ދިވެހި ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށްވެސް އޮތްކަމަށެވެ. އަދި އަންނަ އޮތް ޖީލު މި ނުރައްކާތެރި ވަބާއިން ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް މިފަދަ ދުވަހެއްގައި އައުކުރުން މުހިންމުކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިއްމު ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން މިކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމާއި، ތައުލީމީ ނިޒާމުގެ ތެރެއިން ދުންފަތާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތަކެއް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެކަމަނާގެ މެސެޖު ނިންމަވާލެއްވީ، އެންމެން އެކުގައި ކުރާ މަސައްކަތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ގޮވާލައްވަމުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައެއް ބިނާކުރުމަކީ މުސްތަގުބަލުގެ ދުޅަހެޔޮކަމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.