މޯލްޑިވިއަންގެ ފްލީޓަށް އިތުރު ދެ އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ދެ އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފި

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރަމުންދާ ޑޭޝް8 މަރުކާގެ ބޯޓުތައް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު ދެ އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ބޯޓުތައް، އޭޓީއާރުގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2022 ވަނަ އަހަރުގައި ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާރު އިތުރު ދެ ބޯޓެއް ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

އޯޑަރު ދިން ދެ ބޯޓުގެ ތަފްސީލް ހިއްސާކުރައްވަމުން އިޔާސް ވިދާޅުވީ، "މީގެ ތެރެއިން އެއް ބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައި،" ކަމަށެވެ. އަދި ދެވަނަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި އާ ބޯޓުތަކާއެކު، ޑޭޝް8 މަރުކާގެ ބޯޓުތައް ފޭސް-އައުޓްކޮށް، ފްލީޓް ޒަމާނީ ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އިޔާސް ފާހަގަކުރެއްވި އެވެ.

މިހާރު ބޭނުން ކުރަމުންދާ ޑޭޝް8 ގެ ބޯޓުތަކަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ބޯޓުތަކެކެވެ. އެމްޑީ ވިދާޅުވީ މި ބޯޓުތައް ގިނަ ދުވަސްވުމުގެ ސަބަބުން ބާވެފައިވާ ކަމަށާއި، އެ ތަކެތި މަރާމާތުކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 27 މަތިންދާ ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން، އޭޓީއާރު މަރުކާގެ 5 ބޯޓާއި، ޑޭޝް8 މަރުކާގެ 9 ބޯޓު އަދި ޑޭޝް6 މަރުކާގެ 11 ޓްވިންއޮޓާރ އެވެ.

މިއަދު އޮންލައިން