2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް 33 އިންސައްތައަށް ބަދަލުކުރުމުގެ އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް 33 އިންސައްތައަށް ބަދަލުކުރުމުގެ އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ސްޓެލްކޯ

2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނީގެ ހައިސިއްޔަތުން، ސަރުކާރުގެ މި އަމާޒު ހާސިލުކުރުމުގައި ސްޓެލްކޯއިން މުހިންމު ދައުރެއް އަދާކުރާނެކަން ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް 33 އިންސައްތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ދުރުވިސްނޭ، މުހިންމު ނިންމެވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޑރ. އަޒުވަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ މާލެ ސަރަހައްދަށް އަމާޒުކޮށްގެން، ޚާއްޞަ އިޤްތިޞާދީ ސަރަހައްދު (އެސް.އީ.ޒެޑް)ގެ ދަށުން ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި މަޝްރޫޢަކީ، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ އިންޖީނުގެތަކުގައި ސޯލާ ހަކަތަ އިތުރުކުރުމުގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ޚާއްޞަކޮށް އާބާދީ ކުޑަ ރަށްތަކަށް އަމާޒުކޮށްގެން މިފަދަ މަޝްރޫޢުތައް ރޭވިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

"މީގެތެރެއިން ޚާއްޞަކޮށް ވ.ރަކީދޫ ފާހަގަކޮށްލެވޭ. އެރަށަކީ އާބާދީ ކުޑަ ރަށަކަށްވުމާއެކު، އަޅުގަނޑުމެންގެ އަމާޒަކީ އެ ރަށަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް ސޯލާ ހަކަތައިން އުފެއްދުން. މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ. އަދި މިފަދަ ގޮތަކަށް އެހެން ރަށްތައް ވެސް ޕްލޭން ކުރެވިފައި އެބަހުރި،" ޑރ. އަޒުވަރު ވިދާޅުވިއެވެ.

މިއަދު އޮންލައިން