ބޯޓުފަހަރަށް ހުސް ކޮންޓެއިނަރު ބަރުކުރުމުގެ އޮޕަރޭޝަންތައް ތިލަފުށީގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ބޯޓުފަހަރަށް ހުސް ކޮންޓެއިނަރު ބަރުކުރުމުގެ އޮޕަރޭޝަންތައް ތިލަފުށީގައި ފަށައިފި

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ތިލަފުށީގައި ހުންނަ އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ ބޭނުންކޮށްގެން ބޯޓުފަހަރަށް ހުސް ކޮންޓެއިނަރު ބަރުކުރުމުގެ އޮޕަރޭޝަންތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ފަށާފައެވެ. މި އައު އިންތިޒާމަކީ ބަނދަރުގެ ހިންގުން ހަރުދަނާކޮށް، ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތުގެ ދަށުން ތިލަފުށީގެ 60 މީޓަރުގެ ކީ ވޯލްއަށް ބޯޓުފަހަރު ކައިރިކޮށްގެން ކޮންޓެއިނަރު ބަރުކުރުމުގެ ޓްރައިލްއެއް މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ "އެމްއެސްއެސް ގަލޭނާ" ބޭނުންކޮށްގެން ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ޓްރައިލްގެ ކާމިޔާބީއާއެކު، ތިލަފުށިން ސީދާ ބޯޓުފަހަރަށް ކޮންޓެއިނަރު ބަރުކުރުމުގެ މަގު މިވަނީ ފަހިވެފައެވެ.

އެމްޕީއެލްއިން މައުލޫމާތުދޭ ގޮތުގައި، މި އައު އިންތިޒާމުގެ ސަބަބުން މާލޭ ބަނދަރުގައި ބޯޓުފަހަރު މަޑުކުރަންޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. މީގެ އިތުރުން މާލޭ ބަނދަރުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބި، މުދާ ބޭލުމާއި ބަރުކުރުމުގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

މިއީ 2027 ވަނަ އަހަރު ތިލަފުށީގައި އައު ބައިނަލްއަޤްވާމީ ބަނދަރު ހުޅުވެންދެން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހޯދި ވަގުތީ ހައްލެއް ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ. ތިލަފުށީގައި ގާއިމްކޮށްފައިވާ މި ޑީޕޯއަކީ ހުސް ކޮންޓެއިނަރު ރައްކާކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމަށް ޚާއްސަ ފެސިލިޓީއެކެވެ.

މި ފެސިލިޓީގެ ސަބަބުން 3000 ޓީއީޔޫގެ ކޮންޓެއިނަރު ރައްކާކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މިފަދަ އިންތިޒާމެއްގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ ޝިޕިންގް ލައިންތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެއެވެ.

މިއަދު އޮންލައިން