ތަހުގީގު ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އޮފިސަރުންގެ އަގުވަޒަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތަހުގީގު ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އޮފިސަރުންގެ އަގުވަޒަންކޮށްފި

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގުވަޒަންކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތަކީ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތެކެވެ. މިގޮތުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރި 117 އޮފިސަރަކަށް މިއަދު ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ، ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓެވި ސާބިތުކަމާއި ދެއްކެވި ހުނަރުވެރިކަމަށް ތައުރީފުކުރައްވާފައެވެ. ކޮމިޝަނަރ ވިދާޅުވީ "އިންސާފު ގާއިމުކުރުމުގައާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއް" ކަމަށެވެ.

މީގެ އިތުރުން، ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކަށް ބަލާފައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ރަސްމިއްޔާތު ނިންމާލަމުން ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ވަނީ ކޮމިޝަނަރ ދެއްވާ އިރުޝާދާއި، އޮފިސަރުންގެ މަސައްކަތް ބަލައިގަނެ ހިތްވަރު ދެއްވާތީ އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.

މިއަދު އޮންލައިން