ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށްގެންދާ "މެޑިކަލް ވެލްފެއަރ ސްކީމް" ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް، 01 ޖޫން 2026 އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ނިންމައި އެކަން އިޢުލާންކޮށްފިއެވެ. މިއީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ނިންމި ނިންމުމެކެވެ.
މި ބަދަލާއެކު، ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ފޯރުކޮށްދިނުމާއި، ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން އާސަންދައިގެ ދަށުން ކުރިއަށްދާނެއެވެ. މީގެ އިތުރުން، ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސްތައް ހޯދުމަށް ދެވޭ އެހީތެރިކަމާއި، ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީވެސް މި ސްކީމުގެ ތެރެއިން ކުރިއަށްދާނެއެވެ.
ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ދެވޭ އިތުރު ޓިކެޓްގެ އެހީއާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީގެ އިތުރުން، ޕަބްލިކް ހޮސްޕިޓަލްތަކުންނާއި އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކަށް ދެވޭ އެހީވެސް ދެން ފޯރުކޮށްދޭނީ އާސަންދަ ކުންފުނިންނެވެ. އަދި ފަރުވާއަށް ބޭނުންވާ އެކިއެކި އާލަތްތަކާއި މެޑިކަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނުންވެސް މި ބަދަލުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުމާއި، ހޮސްޕިޓަލް ބަދަލުކުރުމާއި، ކޮންސެންޓް ނެގުން ފަދަ އިދާރީ ކަންކަންވެސް އާސަންދައިގެ ދަށަށް ބަދަލުވާނެއެވެ. މީގެ އިތުރުން ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުމާއި، މެރަނަ ސްކީމުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެމަރޖެންސީ ހާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުންވެސް ހިމެނެއެވެ.
އަމިއްލަ ޚަރަދުގައި ބޭރަށް ފަރުވާއަށް ގޮސް އުޅެނިކޮށް ދިމާވާ ދަތިތަކަށް ދެވޭ އެހީއާއި، ފަރުވާ ނިމުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީތެރިކަންވެސް ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. އަދި ވެލްފެއަރ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ލިމިޓްތައް ރީކޮންސިޑަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނީ އާސަންދައިގެ ބެލުމުގެ ދަށުންނެވެ.
މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1400 ނުވަތަ 1402 ނަންބަރު ފޯނާ ގުޅުއްވުމަށް އެންސްޕާއިން އިލްތިމާސްކުރެއެވެ.