މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ތަކެތި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރަށް ހަރުދަނާކޮށް ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ، އަދި އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ދެނެގަނެ، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ. އަދި އަތުލައިގަންނަ ތަކެތީގެ މިންވަރު އިތުރުވުމަކީ، ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އެންމެ ފުރިހަމަ ގޮތުގައި ސްކްރީނިންގ ކުރަން ފެށުމުން، ޤަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ދެނެގަނެވޭ މިންވަރު އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެގޮތުން އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.