ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ސަރުކާރުން ހިންގާ ޤައުމީ ކެމްޕޭނުގެ ދަށުން، ތަޢުލީމީ ދާއިރާގެ ތެރެއިން ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ހޭލުންތެރިކުރުވުމަށް ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރުމަށް ނިންމައިފިއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ އަދި އިޤްތިޞާދީ ގެއްލުންތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަޢުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު އިސްމާއިލް ޝަފީޢު ވިދާޅުވީ މި ކެމްޕޭނުގެ ދަށުން ދުންފަތުގެ ނުރައްކަލާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފައިކަމަށެވެ. މި ހަރަކާތްތައް ހަމައެކަނި ސްކޫލުތަކަށް އެކަނި އަމާޒުކުރުމުގެ ބަދަލުގައި، އަމިއްލަ ޖަމިއްޔާތަކާއި، ކުލަބުތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ސްޓޫޑެންޓް ޔޫނިއަންތައް ބައިވެރިކޮށްގެން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ "ބިންގާ" ޕްރޮގްރާމުގެ ތެރޭގައިވެސް ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ މަޢުލޫމާތުތައް ހިމެނުމަށް ވަނީ ނިންމާފައެވެ. މިއީ ދުންފަތުން ދުރު، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ވަޒީރު އިސްމާއިލް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމި ނިންމުމަކީ ސްކޫލުތަކުގެ ޕީޓީއޭތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ދަރިވަރުންނާއި ޒުވާނުންގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ހަރުދަނާ ނިންމުމެކެވެ. އަދި "ޖެނެރޭޝަނަލް ބޭން" ގެ ހަރަކާތަކީވެސް ދުންފަތާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ މުހިންމު ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.