ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރަން ސަރުކާރުން ފެށި މަސައްކަތްތަކަށް އަންނަނީ ކުރިއެރުން ލިބެމުން!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 17ސ
ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރަން ސަރުކާރުން
ފެށި މަސައްކަތްތަކަށް އަންނަނީ ކުރިއެރުން ލިބެމުން!

ދިވެހި ޒުވާނުންނާއި މުޖުތަމައު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު އެކަނިވެސް 200 އަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާކަން ހާމަވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ދުންފަތާ ދެކޮޅަށް ކުރިއަށްގެންދާ ގައުމީ ކެމްޕެއިންގެ ތެރެއިން ލިބުނު ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު ޖުމްލަ 225 މީހަކު ވަނީ ދުންފަތާ ދުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދުންފަތް ހުއްޓާލި 187 މީހަކާއި، އަތޮޅުތަކުން މި އާދަ ދޫކޮށްލި 68 މީހެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ސެސޭޝަން ކްލިނިކްތަކުން މިދިޔަ އަހަރު 1045 މީހުން ފަރުވާ ހޯދާފައިވެއެވެ. މީގެ ތެރޭގައި 982 ފިރިހެނުންނާއި 63 އަންހެނުން ހިމެނޭއިރު، 580 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލޭގެ ސެންޓަރުތަކުންނެވެ. މިހާރު މާލެ ސަރަހައްދުގައި އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް، ދަމަނަވެށި އަދި އޭޑީކޭ ހޮސްޕިޓަލުގައި މި ޚިދުމަތް ލިބެން ހުރިއިރު، އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުންވެސް މި ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވީ، ދުންފަތާ ދެކޮޅަށް ފަށާފައިވާ 5 އަހަރުގެ ގައުމީ ކެމްޕެއިނަކީ ހުރިހާ ވުޒާރާތަކާއި ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ފާހަގަކުރެއްވި ގޮތުގައި، ސްކޫލް ކުދިންނާއި ޒުވާނުން ވޭޕް ފަދަ ތަކެތިން ސަލާމަތްކުރުމަށް ބެލެނެވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، "ބިންގާ" ޕްރޮގްރާމްގެ ތެރެއިން މިކަމަށް ހޭލުންތެރިކުރުން އިތުރުކުރެވޭނެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، ދުންފަތާ ދުރުވާ ކްލަބް ޖަމްއިއްޔާތަކަށް އިނާޔަތް ދިނުމާއި، ޒުވާން އެމްބެސެޑަރުން މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން، މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އުމުރުން އެންމެ 8 އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާކަން ފާހަގަކުރެވިފައިވާތީ، މި ވަބާއިން ޒުވާން ޖީލު ސަލާމަތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަކީ ގައުމުގެ މުސްތަގުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން މިހާރު ފައްޓަވާފައިވާ ދުންފަތާ ދެކޮޅު ގައުމީ ކެމްޕެއިންގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީ ފޯރުކޮށްދޭނެވެ. އަދި ފަރުވާ ހޯދާ މީހާ ދުންފަތަށް ދެވިހިފާފައިވާ މިންވަރު ދެނެގަތުމަށް ހާއްސަ އެސެސްމަންޓެއް ހެދެއެވެ. އަދި އޭގެ ފަހުން ކައުންސިލިންގ ދިނުމާއި، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް ބާރުއެޅުމުގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް 'ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ' ފޯރުކޮށްދެވެއެވެ.

މީގެ އިތުރުން، ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. އެގޮތުން، ރާއްޖެއަށް ވޭޕާއި އޭގެ ސާމާނު އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ވަނީ ހަރުކަށި އިސްލާހުތަކެއް ގެނެސްފައެވެ.

މި ފިޔަވަޅުތަކަކީ ދިވެހި ޒުވާނުންނަކީ ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ޖީލަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު ބޮޑުތަނުން މަދުކުރުމެވެ.

މިއަދު އޮންލައިން