ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ ސާޖަރީތައް ކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 6ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ ސާޖަރީތައް ކުރަން ފަށައިފި

ރާއްޖޭގެ ސިއްހީ ދާއިރާއަށް އައި އާދަޔާޚިލާފު ކުރިއެރުމަކާއެކު، "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލައި ފަރުވާދިނުމުގެ ސާޖަރީތައް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށައިފިއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ ރާއްޖޭގެ ބޭސްވެރިކަމުގެ ތާރީޚުގައި މިފަދަ ޚިދުމަތެއް ދޭން ފެށި ފުރަތަމަ ފަހަރެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެން ތައާރަފްކުރި މި އައު ސާޖަރީއަކީ، ހުޅުތަކުގެ އެތެރޭގައި ހުންނަ މައްސަލަތައް ދެނެގަތުމަށް ކުރާ އާތްރޯސްކޯޕީގެ އެންމެ ޒަމާނީ ވަސީލަތެކެވެ. މި ސާޖަރީގައި ބޭނުންކުރާ ނެނޯ ނީޑަލް ކެމެރާއަކީ އާދައިގެ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި ބޭނުންވާ ގޮތަކަށް ލަނބާލެވޭ ފްލެކްސިބަލް ކެމެރާއެކެވެ. މީގެ ސަބަބުން މިހާރު އައިޖީއެމްއެޗްގައި ކުރަމުންދާ އާތްރޮސްކޮޕިކް ސާޖަރީތަކަށްވުރެ މާ ކުޑަ ފެޅުމަކުން ހުޅުތަކުގެ ފަރުވާ ދެވޭނެއެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓްގެ ކަށީގެ ޚާއްޞަ ޑޮކްޓަރު، ޑރ. އިސްމާޢިލް ޒާހިރު ވިދާޅުވީ، މިއީ ހާއްސަކޮށް ކުދި ހުޅުތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމަށާއި ފަރުވާ ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ނެނޯ ނީޑަލް ކެމެރާއަކީ، ހަނި ދޭތެރެ ދޭތެރެއަށް ބެންޑްކޮށްލައިގެންވެސް ވައްދާލާ ބަލާލެވޭ ނީޑަލް ކެމެރާއެއް. މީގެއިން އަޅުގަނޑުމެން ޑައިގްނޯސްކޮށް ހުޅުތެރެއަށް ވެފައި ހުންނަ ގެއްލުންތައް ބަލާލާ މިސާލަކަށް ހުޅުތެރޭގައި ކަށިކޮޅެއް އިތުރަށް ގްރޯވެފައި ހުރިތޯ ބަލާލާ، ނޫނިއްޔާ ކާޓިލޭޖް، އޮމާން ފަށަލަ ހަލާކުވެފައި ހުރިތޯ ބަލާލައި، އަދި ވަށައިގެން ހުންނަ ލިގަމެންޓުގެ ހާލަތު ބަލާލައި ޑައިގްނޯސް ކުރުމަށް ވަރަށް ބޮޑު ފުރުސަތެއް،" ޑރ. ޒާހިރު ވިދާޅުވިއެވެ.

މި އައު ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުން ފަޅާލަންޖެހޭ މިންވަރު ކުޑަވެ، ޒަޚަމްތައް ފަސޭހަވުމަށް ހޭދަވާ ވަގުތު ކުރުވެގެންދާނެއެވެ. އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ ނެނޯ ނީޑްލްގެ ސަބަބުން ވަރަށް ކުޑަ ލޯވަޅަކުން ހުޅުގެ އެތެރެ ބަލައި ދިމާވެފައިވާ މައްސަލަ ދެނަގަތުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިފަދަ ޒަމާނީ ފަރުވާތައް ރާއްޖެއަށް ތައާރަފްވުމަކީ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މިއަދު އޮންލައިން