މަޖިލީހުގެ ނައިބު ރައީސްކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަޖިލީހުގެ ނައިބު ރައީސްކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށްޓަކައި މިއަދު ބޭއްވި ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުން ސަލީމް މި މަޤާމަށް އިންތިޚާބުވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި މަޤާމަށް ސަލީމްގެ އިތުރުން ދެން ވާދަކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދެވެ.

ވޯޓުގެ ނަތީޖާ ދައްކާގޮތުން އަޙްމަދު ސަލީމަށް 62 ވޯޓު ލިބިވަޑައިގެންނެވިއިރު، ޙުސައިން ޒިޔާދަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ. މި ވޯޓުގައި ޖުމްލަ 74 މެންބަރުން ބައިވެރިވެވަޑައިގަތްއިރު، 2 ވޯޓަކީ ބާޠިލް ވޯޓުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަޙްމަދު ސަލީމަކީ ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

މިއަދު އޮންލައިން