ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް އޮތް ހައްލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްއަށް ދިމާވެފައިވާ ބައެއް ދަތިތަކާ ގުޅިގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ މަޢުލޫމާތު ސާފުކުރިއިރު އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީވެ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެއުޅެނީ. އެހެންނަމަވެސް އިއްޔެގަ ރައީސް އޮފީހުން ބޭންކަށް މައުލޫމާތު ހޯދަންބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ." ރައީސް ވިދާޅުވިއެވެ.