ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންނަކީ ހުރިހާ މާނައެއްގައިވެސް އިސްލާމްދީނާއި ޤާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށްވާއިރު، ހުރިހާ ކަމެއްގައިވެސް އަމަލީގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރުގެ މައިދާނުގައި އުޅޭއިރު ނަމާދު ވަގުތު ޖެހިގެން ނިމިގެންދާއިރުވެސް، ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި ގަސްދުގައި ނޫން ނަމަވެސް، މިއީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ހިނގަމުންދާ އާދައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ކުޅިވަރު ކުޅެން އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު ސަރުކާރުން އަޅަމުންދާ ސްޕޯޓްސް ކޮމްޕްލެކްސްތައް ހިމެނޭހެން، ކުޅިވަރު ކުޅޭ އިމާރާތްތަކުގައްޔާއި މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ތަންތަނުގައި ނަމާދު ކުރެވޭނެ ފެސިލިޓީސްތައް، ޒަމާނީ ފެސިލިޓީސްތައް ވުޟޫކުރުމާއެކީގައި ޤާއިމްކުރެވިގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ނިންމެވުމާއެކު، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނާއި ކުޅުންތެރިންނަށް އެމީހުންގެ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، ނަމާދު ވަގުތުތަކަށް ސަމާލުކަންދީ، ފަސޭހަކަމާއެކު އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.