ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މިއަދާ ހަމައަށް ކުރެއްވި އަމިއްލަފުޅު އެއްވެސް ދަތުރެއްގެ ޚަރަދަކަށް ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސްގެ އަމިއްލަފުޅު ދަތުރުތައް ސަރުކާރުގެ ޚަރަދުގައި ކުރައްވާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ އެއްވެސް ހަޤީޤަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރޭގައި އެފަދަ ދަތުރުތައް ކުރުމުގެ ހުއްދަ އޮތް ނަމަވެސް، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި އެއްވެސް އަމިއްލަ ދަތުރުފުޅެއްގައި އެމަނިކުފާނު ހިމެނޭހެން އާއިލާގެ އެއްވެސް މެންބަރެއްގެ ޚަރަދެއް ސަރުކާރުން ކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު މަޤާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަމިއްލަ ދަތުރެއްކުރި އެއްވެސް ދަތުރެއްގައި އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި އަދި ޢާއިލާ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް، ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުހުންނާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު އަމިއްލަ ދަތުރުފުޅުތަކުގައި ޗުއްޓީއަށް ވަޑައިގަތް ނަމަވެސް، ދައުލަތުގެ ރަސްމީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުމަށްޓަކައި ރައީސް އޮފީހުގެ މުވައްޒަފަކު ޕްރިންޓަރާއި ސްކޭނަރު ފަދަ ތަކެއްޗާއެކު ދަތުރުގައި ބައިވެރިވާން ޖެހެއެވެ. އަދި އެގޮތަށް ދަތުރުގައި ބައިވެރިވާ މުވައްޒަފުންގެ ޚަރަދުތައްވެސް ބައެއް ފަހަރު އެމަނިކުފާނު އަމިއްލަފުޅަށް ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.