ސަރުކާރުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް މި ހަފުތާގައި ހާމަކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސަރުކާރުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް މި ހަފުތާގައި ހާމަކުރަނީ

ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް މި ހަފުތާގެ ތެރޭގައި ހާމަކޮށް ނިންމުމުގެ މަސައްކަތް ބާރުދުވެލީގައި ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މައުލޫމާތު ހާމަކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމަށް މިހާރު ހުރިހާ ވުޒާރާއަކުންވެސް ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ.

މި މަސައްކަތުގެ ދަށުން، ކޮންމެ ވުޒާރާއަކުންވެސް ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލުތައް އެ ވުޒާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޢާއްމުކޮށް ނިންމަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހާމަކަން ބޮޑުކުރުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށްވެސް ހަތަރު ވުޒާރާއަކުން 100 އިންސައްތަ މައުލޫމާތު ހާމަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަނުންވެސް ދިރާސާކޮށް އެބޭފުޅުންގެ އަޕްޑޭޓުތައްވެސް އެބަދެއްވާ. އެގޮތުން މިހާރުވެސް 4 ވަރަކަށް ވުޒާރާއަކުން %100 މައުލޫމާތު ޑިސްކްލޯޒްކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނުން އެބައޮތް މިނިސްޓްރީތަކަށް އަންގަވާފައި. އަދި ދެން ހުރި މިނިސްޓްރީތައްވެސް ގާތްގަނޑަކަށް ހަަމަ ނިމެމުން އެދަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ ވުޒާރާއަކުންވެސް 100 އިންސައްތަ މައުލޫމާތު ހާމަކޮށް ނިންމުން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވަރަށް އޮމާންކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދު އޮންލައިން