ދަރަނިވެރިއަކަށް ޙާލަތެއް މެދުވެރިވެގެން އެދިއްޖެނަމަ ފަސްކޮށްދިނުމަކީ އެކަމުން ދެއްވަވާ ޘަވާބު އެތައް ގުނައަކަށް އިތުރުވާނެކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދަރަނިވެރިއަކަށް ޙާލަތެއް މެދުވެރިވެގެން އެދިއްޖެނަމަ ފަސްކޮށްދިނުމަކީ އެކަމުން ދެއްވަވާ ޘަވާބު އެތައް ގުނައަކަށް އިތުރުވާނެކަމެއް! އިން ޝާ ﷲ

"ބައްޕަގެ ފިހާރައިން ތަކެތިގެންދާ ގިނަ ބައަކު ކޮންމެ މަހަކުހެން ދަރަނިދެއްކުން ފަސްކޮށްދިނުމަށް އެދެއެވެ. އެދޭއިރަށް ބައްޕަ އެކަންކޮށްދެއެވެ. އެހެންވެ ބަންދުވާ ފައިށާ ގިނަކަމުން ފިހާރަހިންގަންވެސް ހުރަސްއެޅެއެވެ. އެކަމަކު ބައްޕަ ކުރާކަމަކަށް އެއްޗެއް ބުނަން ނުކެރޭތީ ނުބުނަނީއެވެ." 

މިޙާލަތުގައި ވިސްނާލަންޖެހޭ ފުރަތަމަ ކަމަކީ ދަރަނި ފަސްކޮށްދިނަސް ފިހާރަ އެބަ ހިންގެއެވެ. އެއީ އެކަމުގައި މާތް ﷲ ބަރަކާތް ލައްވަވާތީއެވެ. ﷲ ތަޢާލާ ބަރަކާތް ނުލައްވަވައިފިނަމަ ކިތަންމެ ބޮޑު ކެޕިޓަލަކުން ކުރާ ވިޔަފާރިތައްވެސް ބަންދުކުރަންޖެހެއެވެ.  

އެބައްޕަ އެލިބިގަންނަނީ ވަރަށް ގިނަ ޘަވާބެވެ. އެއަށްވުރެ ފައިދާހުރި ވިޔަފާރިއެއް ނެތެވެ. ވިޔަފާރިން ފައިދާވެސް ލިބިފައި އެއިގެ އިތުރުން ޢާޚިރަތަށް ގެންދާނެ ގިނަ ޘަވާބު އެއްކުރެވޭތީއެވެ.  

ދަރަނިވެރިއަކު ދަރަނިއަދާކުރަންޖެހޭ މުއްދަތަށް ދަރަނި އަދާކުރެވެން ނެތިގެން ދަރަނި ދެއްކުން ފަސްކޮށްލައި ދިނުމަށް އެދިއްޖެނަމަ އެކަންކޮށްދިނުމަކީ ކިހައިވަރެއްގެ ބޮޑު ފައިދާހުރި ކަމެއްކަން އެނގޭހެއްޔެވެ؟  

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"(ދަރަނިވެރިވެގެން) ދަތިވެފައިވާ މީހަކަށް ދަރަނި ފަސްކޮށްދިން މީހާ ދަންނައެވެ. އެކަންވާހުށީ އޭނާ ފަސްކޮށްދިން ކޮންމެ ދުވަހަކަށްޓަކައިވާ ޞަދަޤާތެއް ފަދައިންނެވެ. (އެބަހީ: އެފަދަ އަޖުރެއް އޭނާއަށް ލިބޭނެއެވެ.)" 

ދަރަނި ފަސްކޮށްދޭން އެދޭ މީހާގެ ޙާލަތަށް ބަލާށެވެ! އޭނާއަށް ޙަޤީޤީ ޢުޛުރެއް އޮތްނަމަ އެކަން ޤަބޫލުކުރަން ފަސްނުޖެހޭށެވެ! ހެޔޮހިތުން އިޚްލާޞްތެރިކަމާއިއެކު އެކަން އަވަހަށް ކޮށްދޭށެވެ! އެމީހާއަށްޓަކައެއް ނޫނެވެ! ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން އެކަމަށް ލައްވަވާނެ ބޮޑު ރަޙްމަތް މިއޮތީ ޙަދީޘުން ފެންނާށެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން