ނަރަކައިގެ ވާހަކަ އަޑުއިވުމުން ގިނަ ބައަކު ބިރުނުގަންނަނީ އެއީ އާދައިގެ އަލިފާންގަނޑެއް ކަމަސް ވިސްނޭތީ ކަމަށްވެސްވެދާނެއެވެ. އެކަމަކު ނިކަން ބުނެބަލާށެވެ. އަލިﷲާން އެންމެ އަނގުރުކޮޅެއްގެމަތީގައިވެސް ކެތްކުރެވޭ ހެއްޔެވެ؟ ނަރަކައިގެ އަލިފާނުގެ ހޫނުމިން 69 ގުނަ އިތުރުވާނެއެވެ. ބީހިލާ އެންމެ ކަންޏަކަށްވެސް ކެތެއް ނުކުރެވޭނެއެވެ. ވީއިރު ނަރަކައަށް ވަންނަންޖެހިއްޖެ މީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ނަރަކައަށް އިންސާނާ ފެންނަހިނދު އޭނާއަށް ބޭނުންވެގެން ތެޅިފޮޅިގަންނާނެއެވެ. މިއަދު ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކޮށް، ޤުރްއާން ޤަބޫލުނުކޮށް، ސަޖިދަނުކޮށް، ސަޖިދައެއް ނުކުރި ނަމަވެސް ނަރަކަ އެމީހަކަށް ބޭނުންވެގެން ތެޅިފޮޅިގަންނަތަން ފެނުމުން ގަންނަ ބިރު ބޮޑުކަމުން ވަޤުތުން ސަޖިދައަށް ތިރިވާނެއެވެ!
ނަމަވެސް އެމީހުންނަށް ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ. "ތެދުވާށެވެ! ސަޖިދަކުރުމުގެ ބޭނުމެއް މިއަދަކު ނެތެވެ. މިއަދަކީ ޙިސާބު ބެއްލެވުމުގެ ދުވަހެވެ."
މީސްތަކުންނޭވެ! އެކަންކަމަށް މިއަދު ބިރުވެތި ނުވެވިއްޖެނަމަ، ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ސަޖިދަކުރާ އަޅަކު ކަމުގައި ނުވެވިއްޖެނަމަ އެދުވަހުން ސަލާމަތެއް ނުވެވޭނެއެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ސަޖިދަކުރާ މީހަކަށްވާށެވެ! ޤިޔާމަތް ދުވަހު ތިބާ ކުރާ ސަޖިދަ ޤަބޫލުފުޅު ކުރައްވަވާނީ އެއިރުންނެވެ! އިން ޝާ ﷲ
- ޝައިޚް މުޙައްމަދު ހޮބްލޮސް