ރުޤްޔާކުރާ މީހުންނަށް ސަމާލުކަންދޭންޖެހޭ ފަދައިން ނަފްސާނީ ފަރުވާދޭ ޑޮކްޓަރުންނަށްވެސް ސަމާލުކަންދޭންޖެހޭކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަގަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ރުޤްޔާކުރާ މީހުންނަށް ސަމާލުކަންދޭންޖެހޭ ފަދައިން ނަފްސާނީ ފަރުވާދޭ ޑޮކްޓަރުންނަށްވެސް ސަމާލުކަންދޭންޖެހޭކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަގަ-

ކޮންމެ މަސައްކަތެއްވެސް ކުރަނީ އިންސާނުންނެވެ.

އިންށާނުންގެތެރޭގައި ގިނަވާނީ އަމިއްލަ އެދުންބޮޑު މީހުންނެވެ. ވީމާ ކޮންމެ ކަމަކަށް އެދިގެން މީހެއްގެ ގާތަށް ދިއަނަމަވެސް އެކަމަށް ވިސްނައި ސަމާލުކަންދޭންވާނެއެވެ. މިބުނަނީ ހަމައެކަނި ފައިސާގެ އެހީފަދަ ކަންކަމުގެ ވާހަކައެއް ނޫނެވެ. އަގުދީފައި ޚިދުމަތް ގަންނަންދާއިރުވެސް ސަމާލުކަންދޭންޖެހޭނެ ވާހަކައެވެ.  

ކޮންމެ ކަމެއްކުރާ މީހުންގެ ތެރޭގައިވެސް ތަފާތު މީހުން އުޅޭނެތީއެވެ. ވީމާ ރުޤްޔާކުރާ މީހުންގެތެރޭގައިވެސް އަދި ނަފްސާނީ ޑޮކްޓަރުންގެ ތެރޭގައިވެސް ތަފާތު ގޮތްގޮތަށް ފަރުވާދޭ މީހުންވެސް އުޅޭނެއެވެ. ރައްކައުތެރިކަންލިބޭނީ ޙާލަތަށް ވިސްނައިގެން ޢަމަލުކުރީމައެވެ.  

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!    

އަޅުގަނޑުމެންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް އޭނާގެ ޢަމަލުތަކުން އެކަމެއް ނުދައްކައެވެ. އަޅުގަނޑާއިއެކު ހޭދަކުރާ ވަގުތުތަކުގައި އަޅުގަނޑުގެ މަސައްކަތަށްވެސް އެހީތެރިވެއެވެ.  

ކައިވެންޏަށް 3 ވަނަ އަހަރަކީ އަޅުގަނޑުގެ މަންމަ ނިޔާވި އަހަރެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމައިގެ ސަބަބުން އަޅުގަނޑަށް ހުއްޓުމެއް އެރިއެވެ. ގިނަވަގުތުތަކުގައި މަޑުން އިނދެވެން ފެށިއެވެ. ފިރިމީހާއަށް އެކަން ބޮޑުވެގެން ނަފްސާނީ ޑޮކްޓަރަކަށް އަޅުގަނޑު ދެއްކިއެވެ  

އެއީ ޢަޖައިބެއްފަދަ ޑޮކްޓަރެކެވެ. ދެމަފިރިންނާއިއެކުގައި ހޭދަކުރަނީ 5 މިނިޓެއްހައިއިރެވެ. ފިރިމީހާ ނެރެފައި އަޅުގަނޑާއިއެކު ހޭދަކުރަނީ 5 މިނިޓެއްހައި އިރެވެ. ފިރިމީހާ އެކަނި ވައްދާފައި 20 ވަރަކަށް މިނިޓް ހޭދަކުރެއެވެ.  

ބަލިމީހަކީ އަޅުގަނޑެވެ. ނަމަވެސް ޑޮކްޓަރަށް ދައްކާ ކޮންމެ ދުވަހަކުވެސް ގިނަ ވަގުތު ހޭދަކުރަނީ ފިރިމީހާ އާއިއެކުގައެވެ. މިކަން މިވާގޮތުން އަޅުގަނޑު ކަންބޮޑުވާންފެށިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. ކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްފެށީމެވެ.  

ޙަޤީޤަތް އެނގުނީ އެއްރޭ ޑޮކްޓަރުގެ ގެއަށް ގޮސް އިނުމުންނެވެ. ދޮރުވާނު އަޅުގަނޑު ގާތުގައި ބުނީ ޑޮކްޓަރު ގޭގައި އުޅޭކަމަށާއި އަޅުގަނޑަކީ އޭނާގެ ޕޭޝަންޓަކަށްވުމުން ސިޓިންގ ރޫމްގައި މަޑުކޮށްލެވިދާނެ ކަމަށެވެ. މަޑުކޮށްގެން އިންދައި ގަޑިއެއްހާއިރުފަހުން ގޭތެރެއިން ނުކުތީ އަޅުގަނޑުގެ ފިރިމީހާ އާއިއެކުގައެވެ. ދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބުނެވެ. 

އަޅުގަނޑާއި ސުވާލުކުރުމުން އަޅުގަނޑު ބުނީ ވަރަށް ގަދައަށް ބޮލުގައި ރިއްސާތީ ކެތްނުކުރެވިގެން ޑޮކްޓަރާއި ބައްދަލުކުރަން އައީ ކަމަށެވެ. ޑޮކްޓަރު އަޅުގަނޑުބަލާފައި ބޭހެއް ލިޔެދިނުމުން ފިރިމީހާ އާއިއެކުގައި ނުކުމެގެން އައީއެވެ. ބޭސްގަންނަން ފިރިމީހާ އުޅުމުން ބޭސް ބޭނުން ނޫންކަމަށް ބުނީމެވެ. އަދި ބުނީމެވެ. "ބޭސް ލިބިއްޖެއެވެ. ދެން އޮތީ ފަރުވާ ހޯދުމެވެ." އެނޫން އެއްވެސް ބަހެއް ނުބުނަމެވެ. އަދި ފަހަކުންވެސް އެކަމުގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އަދި އެޑޮކްޓަރު ދީފައިހުރި އެއްވެސް ބޭހެއްވެސް ބޭނުމެއް ނުކުރަމެވެ.  

ހަފްތާއެއްވަރު ފަހުން ފިރިމީހާއަށް ކެތްނުކުރެވިގެން އަޅުގަނޑު ގާތު ބުންޏެވެ. "އިންސާކަށްވީތީ ކުށެއް ކުރެވުނީއެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ ދެން އެފަދަ ކުށެއް ނުކުރާނަމެވެ. އިބިލީހަށް ސަވާރުނުވެވޭ ސިކުނޑިތަކަށްވެސް އިންސާނުން ސަވާރުވޭ ނޫންހެއްޔެވެ؟ އޭނާ ކިޔަވައިގެން ހުރިއެއްޗަކުން ދަސްވެފައިހުރި އުކުޅުތައް މޮޅީއެވެ. ގޯހެއް ނުހެދެނީސް ސަލާމަތްވެވުނީ ތިބާގެ ސަބަބުންނެވެ. އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ."  

އަޅުގަނޑު ބުނީމެވެ. "ﷲ ގެ ޙަޟްރަތުގައި އެދި ދުޢާކުރި ޖަވާބު ތިއަ ލިބުނީއެވެ. އެއްވެސް ޝަކުވާއެއް ދުވަހަކުވެސް ނުކުރާނަމެވެ. އެކަމަކު ކޮންމެ ފަދަ ކަމެއް މެދުވެރިވިނަމަވެސް ދެން ދުވަހަކުވެސް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ނުހަދާތިއެވެ! ހިތް ކުދިކުދިވެއްޖެއެވެ. މަންމަ މަރުވުމުން ލިބުނު ހިތާމައަށްވުރެ ޑޮކްޓަރު ތިބާއަށް ދިން ފަރުވާއިން ލިބުނު ހިތާމަ މާބޮޑެވެ. އެއީ ކޮންމެ މީހަކުވެސް މަރުވާނެއެވެ. ވީމާ މަންމަވެސް މަރުވާނެކަން އަބަދުވެސް ހުރީ ޤަބޫލުކޮށްގެންނެވެ. ނަމަވެސް ތިބާ އަހަރެންގެ ހިތުގައި ޖެހޭނެ ކަމެއް ކޮށްފާނެކަމަށް ޤަބޫލުނުކުރެވި އޮތުމުން ލިބުނު އަނިޔާ މާބޮޑުވީއެވެ. އެހެންކަމާއިއެކުވެސް އެދުނު ފަދައިން މާފުކޮށްފީމެވެ. މިހިސާބުން މިވާހަކަ ދެއްކުން ދެން ނިންމައިލަމާހިނގާށެވެ!"

 

- ޝައިބާ ޚާން / ފައިސަލް އާބާދު ޕާކިސްތާން

މިއަދު އޮންލައިން