ނޯކަރުންގެ ހިތުގަ ޖެއްސުވުމާ އަނިޔާވެރިވުމަކީ ލިބެންހުންނަ ބޮޑެތި ނިޢުމަތްތައް ގެއްލޭ ސަބަބެއްކަން ތަޖުރިބާކުރަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ނޯކަރުންގެ ހިތުގަ ޖެއްސުވުމާ އަނިޔާވެރިވުމަކީ ލިބެންހުންނަ ބޮޑެތި ނިޢުމަތްތައް ގެއްލޭ ސަބަބެއްކަން ތަޖުރިބާކުރަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. ލޯބިވެރިއަކު ހޯދައި ދިއައީ ކައިވެނިކުރަން ތައްޔާރުވަމުންނެވެ. އެހެންވެ ބައެއް ދުވަސްދުވަހު ލޯބިވެރިޔާ ގެއަށް ގެނެސްގެންވެސް ގެންގުޅެއެވެ. އެދުވަސްދުވަހު އޭނާއަށް ފާހަގަކުރެވެންފެށި އެއްކަމަކީ ލޯބިވެރިޔާ ގޭގަގެންގުޅޭ ނޯކަރުންނަށް އިހާނެތިބަސްބުނާކަމެވެ. އިންސާނުން އެއްވެސް މީހަކަށް ބުނެގެންނުވާނެ ބަސްތައް ބުނާކަމެވެ.  

އެކަމަށް ވިސްނަމުންދަނިކޮށް އޭނާއަށް އެއްދުވަހު ގެއަށް އައުދެވުނުއިރު ލޯބިވެރިޔާ ދިއައީ ނޯކަރަކަށް ވަރަށް ނުބައިބަސްތައް ބުނަމުންނެވެ. އޭނާއަކީ އަޅެއްކަމާއި ޖެހޭނީ ބުނާހައި ކަމެއް ކުރަންކަމަށް ބުނަމުންނެވެ.  

އެއަޑުތައް އަހަންހުރެފައި ލޯބިވެރިޔާއަށް ގޮވައި ގެނެސް ބުންޏެވެ. "އަހުރެން ތިބާދެކެ ވަރަށް ލޯބިވަމެވެ. ކައިވެނީގެ ކަންކަންވެސް މިގެންދަނީ ހަމަޖައްސަމުންނެވެ. އެކަމަށް މިހާރުވެސް ބޮޑެތި ޚަރަދުތަކެއްވެސް ކުރެވިއްޖެއެވެ. އެހެންކަމާއިއެކުވެސް އަހުރެން މިނިންމީ ތިބާއާއި ކައިވެނި ނުކުރުމަށެވެ. އެއީ ތިބާގެ ހިތުގައި އިންށާނިއްޔަތުކަން ނެތުމުންނެވެ.  

ކަލެއަށް ނުވިސްނޭ ކަމަކީ ނޯކަރުންގެ ހިތުގަ ޖެއްސުވުމަކީ ﷲ ގެ ރަޙްމަތް ބޮޑުތަނުން އުނިކުރައްވަވާ ސަބަބެއްކަމެވެ. އަހުރެން ނޯކަރުން ގެންގުޅެނީ އަޅުންގެ ގޮތަކު ނޫނެވެ. މުސާރަދިނަސް އެއީ ނޯކަރުން ކަމަކަށްވެސް ނުދެކެވެ. އަހުރެން ބޭނުންވަނީ އެމީހުންނަށް ހެޔޮކޮށް ހިތުމުން ﷲ ދެއްވަވާނެ ޘަވާބެވެ. ލައްވަވާނެ ރަޙްމަތެވެ. ވީމާ އަވަހަށް އެނބުރި ގެއަށްދާށެވެ. އަހުރެންގެ މަތިން ހަނދާން ނައްތަލާށެވެ!  

އަދި ތިއަހުރީ އަންތބެއްގެ ގޮތަކުވެސް ނޫނެވެ. އެހެންކަމާއިއެކުވެސް ކަލޭގެ އަޞްލުސިފަ ތިއަ ދައްކަނީއެވެ. ތިއަ ނުބައިކަމުގެ ސަބަބުން ﷲ ލައްވަވާނެ ކޯފާއަށް އަހުރެން ބިރުވެތިވަމެވެ." އެހެން ބުނެފައި ގެއިން ނެރެ ފޮނުވައިލީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އޭނާ އެދެއްކީ ހަމަ ސަތޭކައިގެ ވާހަކައެވެ. އިންސާނުން ތަފާތު ދަރަޖަތަކުގައި ލައްވަވާފައިވަނީ އިމްތިޙާނުކުރެއްވެވުމަށެވެ. ތަނަވަސްކަމާއި ބާރުވެރިކަމާއި މަތީ ދަރަޖަތައް ލިބެނީ އެއްވެސް މީހެއްގެ މޮޅުކަމަކުން ނޫނެވެ. މާތް ﷲ ދެއްވެވުމުންނެވެ. އޮތީ ޝުކުރުވެރިވުމެވެ. ޝުކުރުވެރިނުވެވޭނަމަ އެނިޢުމަތްތައް އަނބުރާ ގެންދަވާނެއެވެ.  

އެއަންހެން މީހާއަށް ލިބުން ދާދިގާތުގައި އޮތް ބޮޑު ނިޢުމަތް ނުވެސް ލިބި ގެއްލިގެން އެދިއައީ ޝުކުރުވެރިނުވެވުމުންނެވެ. ތިމާއަށް މިހުރެވެނީ މާމަތީގައިކަމަށް ވިސްނުނީތީއެވެ. ވީމާ އަހުރެމެންނަށް އޮތީ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން