ބުރުގާއަޅައި ނިވާވިކަމުގެ ފައިދާކުރާނީ އަސްމާގެފާނުގެ ބަސްފުޅަށް ޢަމަލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބުރުގާއަޅައި ނިވާވިކަމުގެ ފައިދާކުރާނީ އަސްމާގެފާނުގެ ބަސްފުޅަށް ޢަމަލުކޮށްގެން!

ބައެއް ކަނބަލުންނަށް ހީކުރެވިފައި އޮންނަނީ ހަށިގަނޑު ނުފެންނަނަމަ އެތިބެނީ ނިވާވެގެން ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. ގައަށްބާރު، ހަށިގަނޑުގަޑުގައި ތަތްލާފައި ހުންނަ ގޮތަށް ފޭރާންލުމަކުން ހަށިގަނޑު ނިވަލެއް ނުވެއެވެ. އެއިރުން އެއީ ހަށިގަނޑު ނިވާވުމެއް ނޫނެވެ.  

އަހުރެމެންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން، ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރުގެފާނު ހިޖުރައަށް ވަޑައިގަތުމުގެ ކަންކަން ސިއްރުން އިންތިޒާމްކޮށްދެއްވެވި މާތް ކަމަނާ، އަސްމާގެފާނަށް ވެދުމަށް ފޭރާމެއް އެރުވުނެވެ. އަތްޕުޅު ލައްވަވައި ބެއްލެވިއިރު އެއީ ތުރުކުރެއްވެވުމުން ގައިކޮޅުގައި ތަތްލާފައި ހުންނަގޮތަށް ހުންނާނެ ފޭރާމެކެވެ. އެހެންވެ އެ ހަދިޔާ ޤަބޫލުފުޅެއް ނުކުރެއްވެވިއެވެ.  

އެހިނދު އެފޭރާމަކީ ތުރުކުރެއްވެވުމުން ހަށިކޮޅު ފެންނާނެ ފޭރާމެއް ނޫންކަމަށް ދެންނެވުނެވެ. ޖަވާބުގައި ވިދާޅުވީ "ހަށިކޮޅު ނުފެނިދާނެއެވެ. ނަމަވެސް ފޭރާމުގެ ގޮތުން ހަށިގަނޑުގެ ވަނާތައް ހާމަވާނެއެވެ." ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންގެ ގޮތަކަށްވާންޖެހޭނީ އަސްމާގެފާނުގެ ބަސްފުޅަށް ޢަމަލުކުރުމެވެ.  

އެކަމަނާގެ ބަސްފުޅުންވެސް އެނގި ޔަޤީންވެގެން މިދިއައީ ހަށިގަނޑު ނިވާވިނަމަވެސް ގައަށްބާރު ، ވަނާތައް ހާމަވާ ފަދަ ގޮތަށް ހެދުން އެޅުމުން އެއީ ނިވާވުން ނޫން ކަމެވެ.

 

- ޝައިޚް މަޖީދު މަޙްމޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން