ޤައުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން، ކުރާ އަމަލުން: ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 27ސ
ޤައުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން، ކުރާ އަމަލުން: ސާޖިދާ

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކުރެވޭ ޤަޢުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ، ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން ކަމަށާއި، ހަމައެއާއެކު، އެ މަޝްވަރާތައް ނިންމާލުމަށްފަހު ޢަމަލީ ގޮތުން ގެނެވޭ ހެޔޮ ބަދަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެކަނި ނޫން ކަމަށެވެ. އެކުދިންގެ ވިސްނުން ތަރައްޤީކުރުމާއި، ޚުލްޤު ހެޔޮ ދަރީންތަކަކަށް އެކުދީން ހެދުމުގެ އިތުރުން، އެކުދީންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ޙަޤީޤީ ރައްކާތެރިކަން ފެނިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިކަން ފާހަގަކުރައްވައި، ކުދިންނަށް އޯގާތެރިކަމާއި، އަދަބުވެރިކަމާއި، އިހުތިރާމާއި، ރަނގަޅު އާދަތައް އަބަދުވެސް ފެންނާނެ ފަދަ މާހައުލެއް ބިނާކުރުމަށް މައިންބަފައިންނަށާއި، މުދައްރިސުންނަށާއި، މުޖުތަމަޢުގެ އަފްރާދުންނަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި އެއީ ކުދީންގެ އަޑުއަހާ، އެކުދީން ބަލައިގަނެ، އެކުދީންގެ އަގުވަޒަންކުރުމާއިއެކު ލޯބިދޭ މާހައުލަކަށް ވާންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކުދިންނަށް ކުރިމަތިވާ އަނިޔާއާއި، އިހުމާލުވުމާއި، ނަފްސާނީ ތަކްލީފުތަކަކީ ގިނަ ފަހަރަށް ހަނުހިމޭންކަމުގެ ތެރޭގައި ހިނގާ ކަންކަން ކަމުގައި ފާހަގަކުރައްވާ، މުޖުތަމަޢުތަކުން އަބަދުވެސް ފާރަވެރިވެ ތިބުމަށާއި، ކުދީންގެ ވާހަކަތައް ކަނުލާ އެހުމަށާއި، ކަންބޮޑުވުމެއް އުޅޭނަމަ އެކަމަކަށް ފިޔަވަޅު އެޅުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރުއެޅުއްވިއެވެ.

ޑިޖިޓަލައިޒޭޝަނުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ޒިންމާދާރުކަމާއެކު މަގުދައްކައިދިނުމަށް މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް އެކަމަނާ ގޮވާލެއްވިއެވެ. ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި، ގުޅުން ބަދަހިކުރުމާއި، އައު އީޖާދުތަކަށް ފުރުޞަތު ލިބުނު ނަމަވެސް، ފާރަވެރިވެ ތިބުމާއި، ހޭލުންތެރިކަމާއި، އިރުޝާދުތަކަށް ލާޒިމުކުރާ ފަދަ ހިރާސްތަކެއް ވެސް އެކަމުގައި ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ޤުރުބާންނުކޮށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ ބައެއް މުހިންމު މަޝްރޫޢުތަކަށް ވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރަން 2024-2028، ކުޑަކުދިންގެ ހޮޓްލައިން 1412، އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ. އަދި އޮންލައިންވެށީގައި ކުދީން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އުމުރުން 16 އަހަރުން ދަށުގެ ކުދިން، ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާ ނިންމުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކުޑަކުދިންގެ ޙައްޤުތަކާއި ތަރައްޤީއަށް ޚާއްޞަކޮށްގެން ތައްޔާރު ކުރެވިފައިވާ މަޖައްލާ އިފްތިތާޙްކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުޑަކުދިން ރައްކާތެރިކޮށް އެކުދިންނަށް އެހީތެރިވުމަށް މުޖުތަމަޢުގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށެވެ.

މިއަދު އޮންލައިން