އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އިންޓަންޝިޕް ފުރިހަމަކުރި 10 ވަނަ ބެޗުގެ ދަރިވަރުން ކާމިޔާބީއާއެކު ދަސްވެނިވެއްޖެއެވެ.
އައިޖީއެމްއެޗް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑޮކްޓަރީކަން ކިޔަވަމުންދިޔަ 23 ދަރިވަރަކު އެ ހޮސްޕިޓަލުގައި ފުރިހަމަކުރަންޖެހޭ މެޑިކަލް އިންޓަންޝިޕް ކާމިޔާބީއާއެކު ނިންމާލާފައިވާ ކަމަށެވެ. މިއީ އެ ދަރިވަރުންގެ މެޑިކަލް ކެރިއަރުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީއެއްކަން ފާހަގަކޮށް، އެ ހޮސްޕިޓަލުން ވަނީ އިންޓަންޝިޕް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް މަރުހަބާ ކިޔާފައެވެ.
އައިޖީއެމްއެޗް އިން އިތުރަށް ބުނެފައިވަނީ، އިންޓަންޝިޕްގެ މުއްދަތުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގައާއި، ހޮސްޕިޓަލުގެ މަސައްކަތްތަކުގައި އެ ދަރިވަރުން ދެއްކި ޝައުގުވެރިކަމާއި، ކުރި ބުރަ މަސައްކަތަކީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. އަދި މި އިންޓަންޝިޕަކީ އެ ކުދިންގެ މެޑިކަލް ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކޮށްފައިވެއެވެ.
ދަސްވެނިވި ދަރިވަރުންނަށް މުސްތަގުބަލުގައި ކާމިޔާބީއަށް އެދެމުން، އެ ކުދިންގެ މެޑިކަލް ކެރިއަރުގެ އާ ބާބެއް ފަށާއިރު، ހުރިހާ ކުދިންނަށް ވެސް އައިޖީއެމްއެޗް އިން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.
އައިޖީއެމްއެޗްގެ ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ، އެ ހޮސްޕިޓަލުގެ އުންމީދަކީ ބަލިމީހުންނަށް ފަރުވާދިނުމުގައާއި، މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި އެ ދަރިވަރުން އަބަދުވެސް ދެމިތިބުން ކަމަށެވެ.