ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) މެދުވެރިކޮށް ނެރުމަށް ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ކުރިއަށްގެންދާ މުއާމަލާތެއް ނޫން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މިއީ މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މާލީ މަޝްރޫޢެއް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަކީ މި ސުކޫކުގެ މައިގަނޑު އެއް މަޤްޞަދު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މީގެ ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މި އިސްނެގުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވެ، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭނެ އާ ވަޞީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުން ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސުކޫކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް، މުޅި ރާއްޖެއަށް ތަރައްޤީ ފަތުރާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ފަރުމާކޮށްފައިވާ މުހިންމު މާލީ ވަޞީލަތެކެވެ.