ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުމާއި އަރިދަފުސް ރޯގާގެ ކޭސްތައް އިތުރުވަމުންދާތީ، ބަލިން ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދާދިފަހުން ނިމިގެންދިޔަ އަޟްޙާ ޢީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރުމުގެ ސަބަބުން، އާންމު ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކުން ރިޕޯޓުކުރާ ހުމާއި ރޯގާގެ ކޭސްތަކުގެ އަދަދު ނިސްބަތުން އިތުރުކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ހުމާއި ރޯގާގެ އިތުރުން އިންފުލުއެންޒާގެ ކޭސްތައްވެސް އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދެއްވާފައެވެ. އެގޮތުން ބައްޔެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށާއި، ހުން އައިސް ރޯގާގެ އަލާމާތްތައް ހުންނަނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުމަށް ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުމަށާއި، އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދިނުމަށްވެސް ވަނީ އަންގާފައެވެ.
އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓްކުރުމަށް ސަމާލުކަން ދިނުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމަށް ޚާއްޞަ އިސްކަމެއް ދިނުމަށްވެސް އެ އިދާރާއިން ވަނީ ބާރުއަޅުއްވާފައެވެ.