ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް: ވަޒީރު ސަޢީދު

ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތައް ބޮޑު މި ދުވަސްވަރު ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އަދި ޒިންމާދާރު ލީޑަޝިޕްގެ ނަތީޖާ ކަމަށެވެ. ޚާއްޞަކޮށް، ރާއްޖޭގެ މާލީ އިޤްތިޞާދީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މުހިންމު މަސައްކަތްޕުޅުތައް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ ދަރަނީގެ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވީ ވަރަށް ހަރުދަނާ ސިޔާސަތުތަކެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންވެސްޓަރުންގެ އިތުބާރު އަލުން ރާއްޖެއަށް ލިބި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާކަން މިވަނީ ހާމަވެފައެވެ. މި ކާމިޔާބީއަށްޓަކައި ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން، ފިޗްގެ ރޭޓިން މަތިވުމަކީ އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ނިންމުމާއެކު ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި އިޤްތިޞާދީ ގޮތުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިޤްތިޞާދީ މާހިރުންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން