2 ރަބީޢުލްއާޚިރު 1448 ގައި ދިވިރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއެކު، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަން ނިންމަވާފައިވާކަން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މި މަހާސިންތާގައި ބައިވެރިވެލެއްވުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއަށް މިހާރު ވުޒާރާއިން ދަޢުވަތު ދެއްވާފައިވާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުންނަށް މި މަހާސިންތާ އަށް މާލެ އައުމުގެ އިންތިޒާމްތައް ވުޒާރާއިން ހަމަޖެއްސުމަށް މަސައްކަތްކުރާނެކަމަށާއި، މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށެވެ.
މީގެ އިތުރުން ވުޒާރާއިން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޒުން މި ކޮންފަރެންސައި ބައިވުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ޒުވާން ޚަޠީބުން މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އިލްތިމާސް ކުރައްވާފައެވެ. ވުޒާރާއިން މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމްފުރުމަށް މި މަސްތެރޭގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މިވަގުތާ ހަމައަށް ރާއްޖޭގެ ޙާފިޒުންގެ ދަފްތަރު 307 ޙާފިޒުންނަށް ވަނީ އަރާފައިވާއިރު، ޒުވާން ޚަޠީބުންގެ މިވަގުތުގެ އަދަދަކީ 532އެވެ. ސެޕްޓެމްބަރު މަހުގެ ކުރިން އަމާޒުކޮށްފައިވާ 1000 ޚަޠީބުން ހަމަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.