"ކޫލް ސްކޫލް" މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލުމަށް ފެނަކައިން އަމާޒު ހިފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
"ކޫލް ސްކޫލް" މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލުމަށް ފެނަކައިން އަމާޒު ހިފައިފި

ސަރުކާރުގެ ސްކޫލްތައް އޭސީކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ހުރިހާ މަސައްކަތެއް މި ހިނގާ ޖޫން މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢު ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫޢަކީ ދަރިވަރުންނަށް އުނގަންނައިދިނުމަށް ފަހި އަދި އަރާމު މާޙައުލެއް ޤާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީ އަފީފު ފާހަގަކުރެއްވި ގޮތުގައި، ބައެއް ރަށްރަށުގެ ސްކޫލްތަކުގެ މަސައްކަތް ނިންމުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް ބައެއް ސަރަހައްދުތަކުގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ ދަށްވުމުގެ ސަބަބުން، އޭސީތައް ހަރުކުރުމަށްފަހު އެކަމަށް ބޭނުންވާ ލޯޑު ނެގުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިހާރު ދިމާވެފައިވާ މިފަދަ ފަންނީ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ސްކޫލެއްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އަފީފު ވިދާޅުވިއެވެ.

"ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސަރުކާރުގެ ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީކޮށް، ކިޔަވައިދޭ މާޙައުލަކީ ފިނި އަދި ދަރިވަރުންނަށް ފަސޭހަ ތަނަކަށް ހެދިގެންދާނެއެވެ. މިއީ ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

މިއަދު އޮންލައިން