މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން، ކުރިން ކަނޑައަޅާފައިވާ އިސްލާމީ ދާއިރާތައް ނޫން އެހެން ދާއިރާތަކުން ކިޔެވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ޚާއްޞަކޮށްގެން މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ޒަކާތު ހައުސްއިން ފުރަތަމަ ހުޅުވާލީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. މި ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައަށް ބޭނުންތެރި ދާއިރާތަކުން މީހުން ބިނާކުރުމެވެ.
މި ސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން މާސްޓާސް ލެވެލްއަށް 9 ފުރުސަތު އަދި ޕީއެޗްޑީއަށް ކިޔެވުމުގެ 10 ފުރުސަތު ހިމެނޭހެން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 10 ފުރުސަތަކީ ރާއްޖޭގައި ތިބެގެން ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. އަދި ބާކީ 20 ފުރުސަތު ޚާއްޞަކޮށްފައިވަނީ ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރުމަށެވެ.
ޒަކާތު ހައުސްއިން ކުރިން އިއުލާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.
ނަމަވެސް، މި ދާއިރާތަކުގެ އިތުރުންވެސް، އެހެން ދާއިރާތަކުން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމައުގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު އަދި އެހީތެރިވެދޭނެ ދާއިރާއެއްކަން ޕްރޮޕޯސަލް މެދުވެރިކޮށް ބަޔާންކޮށްދެވޭ ނަމަ، އެ ދާއިރާއަކުން ކިޔެވުމަށް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ.
މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިލްމީ ގާބިލު ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހި ދަރިވަރުންނަށް ފަހިކޮށްދޭ އަގުހުރި ފުރުސަތެކެވެ.