ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް އެއްކޮށް ހައްލުވެއްޖެ: އެމްޕީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް އެއްކޮށް ހައްލުވެއްޖެ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވުމުގެ ސަބަބުން، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ޕޯޓުގައި މުދާ ތާށިވެ، މުދާ ގެންނަން ދިމާވި ދަތިތައް މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

މި އަހަރުގެ ކުރީކޮޅު މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެގެންދިޔައީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލުތަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ކޮލަމްބޯ ޕޯޓުގައި ރާއްޖެއަށް ގެންނަން ހުރި ގިނަ އަދަދެއްގެ ކޮންޓެއިނަރުތަކެއް ތާށިވިއެވެ. އެމްޕީއެލްއިން މައުލޫމާތު ދެއްވާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް، ގާތްގަނޑަށް 4200 ކޮންޓެއިނަރު ލަންކާ ބަނދަރުގައި މަޑުޖެހިފައި އޮތެވެ.

މި މައްސަލައާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވާފައިވާ ކަމަށެވެ. އަދި އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރެއްވި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކޮލަމްބޯ ޕޯޓުގައި ތާށިވެފައި ހުރި ހުރިހާ މުދަލެއް މިހާރު ވަނީ ރާއްޖެ ގެނެވިފައެވެ. އެމްޕީއެލްއިން ވިދާޅުވީ، މުދާ ބޭލުމުގެ މަސައްކަތްތައް މިހާރު އާންމު ހާލަތަކަށް ރުޖޫޢަވެ، މުދާ ލިބުމުގައި ހުރި ދަތިތައް އެއްކޮށް ހައްލުވެފައިވާ ކަމަށެވެ.

މި ހައްލާއެކު، ބާޒާރުގައި މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި، ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން