ދިވެހިރާއްޖޭގެ އިޤްތިސދީ އަދި މާލީ ހާލަތު ބަދަލުކޮށް، ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު އިއާދަކުރުމަށް ސަރުކާރުން ފެއްޓެވި ހަރުދަނާ މަސައްކަތްޕުޅުތަކުގެ ފޮނި މޭވާ މިވަނީ ލިބެން ފަށާފައެވެ. ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިންގ "ސީސީ" އިން "ސީސީސީއަށް މަތިކުރުމަކީ، ރާއްޖޭގެ މާލީ ނިޒާމަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ އަލިގަދަ ހެއްކެކެވެ. މިއީ ހަމައެކަނި ނަންބަރަކަށް އައި ބަދަލެއް ނޫނެވެ.
މިއީ ޤައުމުގެ ދަރަނި މެނޭޖްކުރުމަށާއި، އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނޭ ސިޔާސަތުތަކަށް ލިބުނު ބައިނަލްއަޤްވާމީ ބަލައިގަތުމެކެވެ.
ދަރަނި އަދާކުރުމުގެ ޤާބިލުކަމާއި މާލީ ވަޒީރުގެ އިތުބާރު
ފިޗްގެ ރޭޓިންގ މަތިވުމާ ގުޅޭގޮތުން މާލީ ވަޒީރު މޫސާ ޒަމީރު ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ، ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް އެއްވެސް ދަތިކަމެއް ނެތި އަނބުރާ ދެއްކުމެވެ. މިއީ ރާއްޖެއިން ދަރަނި އަދާނުކުރެވިދާނެ ކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ފަތުރަމުންދިޔަ ބިރުވެރިކަމަށް ދެވުނު ވަރުގަދަ ރައްދެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި ކާމިޔާބީގެ އަސްލަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިކުމަތްތެރި އިރުޝާދާއި، މާލީ އިޞްލާޙީ ފިޔަވަޅުތައް ތަންފީޛުކުރުމުގައި ގެންގުޅުއްވި ސާބިތުކަމެވެ.
ސަރުކާރުގެ އަމާޒަކީ މެކްރޯ-ފިސްކަލް ނުވަތަ ޖުމްލަ މާލީ ހަމަޖެހުން ދެމެހެއްޓުމެވެ. މިގޮތުން، ޤައުމުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ކޮންމެހެން ބޭނުންތެރި ފިޔަވަޅުތައް އެޅުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން މާލީ ވުޒާރާއިން ވަނީ ދެއްވާފައެވެ. މި އިޞްލާޙުތަކަކީ ހަމައެކަނި ދަރަނި ދެއްކުމެއް ނޫނެވެ. އެއީ މުޅި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އިޤްތިޞާދީ ގޮތުން އޮތީ ނުހަނު ބޮޑު ގޮންޖެހުމެއްގެ ތެރޭގައެވެ. ދަރަނި ރެކޯޑް މިންވަރަކަށް މަތިވެ، ބޭރުގެ މާލީ ބާޒާރުތަކުން ފައިސާ ހޯދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އުފުލާފައެވެ. މީގެ އިތުރުން، ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް އަލުން ބޭރު ފައިސާ ޖަމާކުރަން ފަށައި، އެ ފަންޑުގައި 320 މިލިއަން ޑޮލަރު މިހާރު ވަނީ ރައްކާކުރެވިފައެވެ.
މާލީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ބޭރު ފައިސާއާ ބެހޭ އާ ޤަވާޢިދުތަކެއް ވުޖޫދަށް ގެނައުމަކީވެސް އެޅުނު މުހިންމު ފިޔަވަޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރުން ލާޒިމުކުރުމަކީ، ދައުލަތުގެ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަކުރުމަށް މަގުފަހިވެގެންދިޔަ ކަމެކެވެ. މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، އިންޑިއާގެ ރިޒާވް ބޭންކުން ނެގި ކަރަންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރާއި، 2019 ވަނަ އަހަރު ނެގި ދަރަނީގެ ތެރެއިން ދައްކަންޖެހޭ ފައިސާވެސް ވަނީ ދައުލަތުގެ އަމިއްލަ ބާރުވެރިކަމުގައި ދައްކާ ޚަލާޞްކޮށްފައެވެ.
އިންވެސްޓަރުންގެ އިތުބާރާއި ދެމެހެއްޓެނިވި ތަރައްޤީ
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ އިޤްތިޞާދަކީ ބޭރުގެ ލޮޅުންތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އިޤްތިޞާދެކެވެ. ދުނިޔޭގެ ޙާލަތު ރަނގަޅުވަމުން އަންނައިރު، ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އިޤްތިޞާދީ ކުރިއެރުން އިތުރަށް ހަލުވިވާނެއެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމެވެ. މީގެ ބޭނުމަކީ މެދު ރާސްތާގައި އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓެނިވި، ޝާމިލު، އަދި ވަރުގަދަ ކުރިއެރުމަކަށް ހެދުމެވެ. މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރުމަކީ ދައުލަތުގެ އެންމެ އިސް އަމާޒެވެ. މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިތުރަށް ކަށަވަރުވެގެންދާނެއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން ފާހަގަކުރި ފަދައިން، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތް މާލީ "ފުން އަނދަވަޅުން" ޤައުމު ސަލާމަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު މިވަނީ ކާމިޔާބުވާން ފަށާފައެވެ. ފިޗްގެ ރޭޓިންގ މަތިވުމަކީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު ރާއްޖެއަށް އޮތްކަމުގެ "އަލިގަދަ ހެއްކެކެވެ".
މިއީ ހަމައެކަނި ފެށުމެކެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާ އާމްދަނީގެ ވަޞީލަތްތައް ހޯދައި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އޭގެ ފައިދާ ކުރާނެ ފަދަ ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމެވެ. މިހާރު ފެންނަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލު ފެންނަނީ އުންމީދީ އަދި އުޖާލާކޮށެވެ. ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ދައުލަތުގެ މާލީ މިނިވަންކަމާއި ބާރުވެރިކަން ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ.