ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ދިވެހި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ދ. މީދޫ ސާޔާ، ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޞިއްދީޤު ޢަލީ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޞިއްދީޤުއަކީ ދ. މީދޫގެ އިސް މަޤާމުތަކެއް ފުރުއްވައި، އެ ރަށަށާއި ދިވެހި ދައުލަތަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ޚާއްޞަކޮށް، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތެއްގައި އޭނާ ކުރެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ޞިއްދީޤު ޢަލީގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތާއި ފާފަފުއްސެވުމުގައި މަރުޙޫމް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.

ނިޔާވި ޞިއްދީޤު ޢަލީއަކީ ދ. އަތޮޅުގެ ތަރައްޤީއަށާއި މީދޫގެ އިޖުތިމާޢީ ކަންކަމުގައިވެސް ވަރަށް އިސްކޮށް އުޅުއްވި، ގިނަ ބައެއްގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މިއަދު އޮންލައިން