އެއީ ތަނަވަސް މީހެއްގެ ދަރިއެކެވެ. ނަމަވެސް ލޯބިވެރިޔާއަށްވަނީ އެކަން އޮޅުވާލައިފައެވެ. އުޅެނީ ފަޤީރަކަށް ހެދިގެންނެވެ. ލޯބިވެރިޔާ އޭނާގެ ފަޤީރުކަމަކަށް ނުބަލައެވެ. އެދެމުން ދިއައީ އަވަހަށް ކައިވެނިކުރުމަށެވެ.
ދެބަފައިން ރާވާލާފައި އެކުވެރިއަކު ދޭ ކެއުމަކަށް ކަމަށްބުނެ ލޯބިވެރިޔާ ރެސްޓޯރަންޓަކަށް ގެންދިއައެވެ. ލޯބިވެރިޔާ ގޮވައިގެންގޮސް "އެކުވެރިޔާ" އިން މޭޒުގައި އިށީނުމަށްފަހު ފާޚާނާއަކަށް ދާންކަމަށްބުނެ ދަރިފުޅު ތެދުވެގެން ދިއުމުން "އެކުވެރިޔާ" ބުންޏެވެ. "އެހާފަޤީރު މީހަކާ އިނދެގެން ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ނިކަން އަހުރެންނާއި ގުޅިބަލާށެވެ. ޚަރަދުކުރާނެ ވަރަކަށް ޚަރަދުކުރާނެ ފައސާދޭނަމެވެ. ބޭނުންވާ ކޮންމެ އެއްޗެއްވެސް ގަނެދޭނަމެވެ. އަތުނަފައިން އެއްވެސް މަސައްކަތެއް ނުކުރުވާނަމެވެ."
ލޯބިވެރިޔާގެ ޖަވާބަކީ "އަހުރެންގެ ލޯބިވެރިޔާ މިއަދު ފަޤީރުވުމަކީ އަހުރެމެން އަބަދު ދަތިޙާލުގައި އުޅެންޖެހޭނެ ސަބަބެއް ނޫނެވެ. ﷲ އަހުރެމެންނަށްވެސް ތަނަވަސްކަން ދެއްވަވާނެއެވެ. އިން ޝާ ﷲ. މާބޮޑު ތަނަވަސްކަމަކަށް ބޭނުމެއްވެސް ނޫނެވެ. މުހިންމީ ފައިސާގެ ތަނަވަސްކަމެއް ނޫނެވެ. ހިތުގެ ތަނަވަސްކަމެވެ. ކަލެއަކީ ރަނގަޅު މީހަކުނަމަ ތިއަޒާތުގެ ވާހަކަ ނުވެސްދައްކާނެއެވެ. ހުރިތަނަވަސްކަމުން ނިކަމެތިންނަށް އެހީތެރިވެދޭނީ އަމިއްލަ އެދުމެއް ނެތިއެވެ."
އެހިސާބަށް ވާހަކަދިއަތަނާ ދަރިފުޅު އައިސް އިށީނުމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އިމްތިޙާނު ނިމިއްޖެއެވެ. އެންމެ މަތިން ފާސްވެއްޖެއެވެ. ފަޤީރަކަށް ހެދިގެން އުޅުން ހުއްޓައިލާށެވެ. ކައިވެނި އަވަސްކުރާށެވެ."
އެކައިވެނިކުރެވުނެވެ. ކައިވެންޏަށް 7 އަހަރުވެސް ވެއްޖެއެވެ. އެންމެން އެކުގައި އުޅެމުން އެގެންދަނީ ވަރަށް އުފަލުގައެވެ. މިއީ ދިގު ވާހަކަތަކަކުން ތަންކޮޅެކެވެ. ފާހަގަކޮށްމިލީ އަޅުގަނޑަށް އެންމެ މުހިންމު ތަނަކޮޅެވެ. އެއީ ދިރިއުޅުމެއް ފަށަން ބޭނުންވަނީ ތަނަވަސް ބައިވެރިއެއް ނޫންކަމެވެ. އެކަން ބަޔާންކޮށް އަޅުގަނޑުގެ އެކުވެރިޔާއަށް ނުއެނގިހުރެނަމަވެސް ބައްޕަގެ ގާތުގައި އެދެއްކުނީ ކަމުގެ ޙަޤީޤަތް އޮތްގޮތެވެ. ދެރައީ މިކަންކަމަށް ނުބަލައި ތަނަވަސްކަން ފަހަތުން ދުވެވޭ ކަމެވެ.
- ޢާރިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-