އެއީ ތަނަވަސް މީހެކެވެ. އަނބިމީހާއަށް ވަފާތެރި ފިރިއެކެވެ. އަނބިމީހާއަށް ދީލަތިވެސް ފިރިއެކެވެ. ކައިވެންޏަށް 2 ވަނަ އަހަރު އެކްސިޑެންޓެއްވީއެވެ. މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން ހިނަދަމައިނުލެވޭތީ އިންނަންޖެހުނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެއިގެ އިތުރަށް ވާހަކަދެއްކެނީވެސް ވަރަށް އުނދަގުލުންނެވެ.
މަހެއްހައިދުވަސްވުމުން ގެއަށް އަންހެނަކު ގެނެސްފައި އަނބިމީހާ ބުންޏެވެ. "އަހުރެންގެ ފިރިމީހާގެ ކަންކަން ހުރީ ވަރަށް ދަށުދަރަޖައިގައެވެ. އަހުރެންނަކަށް އެއްވެސް ކަމެއް ކޮށެއް ނުދެވެއެވެ. އެެހންވެ ލިބޭ އުފަލެއް ނެތެވެ. ވާހަކަވެސް ދެއްކެނީއެއް ނޫނެވެ. ކަލެއަށް ރަނގަޅު އުޖޫރައެއް ދޭނަމެވެ. ފިރިމީހާގެ ކަންކަން ބަލަހައްޓާލައިދޭށެވެ. އަހަރެން ގޭގައި އުޅުނަސް ނުއުޅުނަސް ފިރިމީހާގެ ކަންކަން ބަލަހައްޓައިދޭށެވެ. ގޭގަ ހުރެހުރެ ފޫހިވެއްޖެއެވެ. އެހެންވެ އެކުވެރިންނާއިއެކު ވަޤުތުކޮޅެއް ހޭދަކޮށްލަން ބޭރަށް ގޮސްއުޅެން ބޭނުންވާތީއެވެ."
ގެއަށް ގެނެވުނު އަންހެންމީހާ ވަރަށް ޙައިރާންވިއެވެ. އޭނާގެ ފިރިމީހާއަކީ ފަޤީރެކެވެ. މަސައްކަތްކުރާތަނުގެ ސިޑިއަކުން ވެއްޓި ހަމަ މިފަދަ ދެރަގޮތެއް މެދުވީމާވެސް ލޯބިން ބެލީތީއެވެ. 3 އަހަރުފަހުން ބަލީގައި މަރުވަންދެންވެސް ހިތުގަ ޖެހޭނެ ފަދަ ބަހެއްވެސް ނުބުނެހުރީތީއެވެ.
އެއަންހެންމީހާ ތަނަވަސް މީހާއަށް ޚިދުމަތްކުރަން ފެށިއެވެ. ފިރިމީހާވެސް ހަމަ އެފަދަ ޙާލުގައި ބަލަހއްޓާފައިވުމުން ކުރަންޖެހޭ ކަންކަން ރަނގަޅަށް އެނގޭތީ އެއީ އުނދަގޫ ކަމަކަށް ނުވިއެވެ.
މިހާރު އޭނާ ޑޮކްޓަރަށް ދައްކަންވެސް އަނބިމީހާއެއް ނުދެއެވެ. ގޮވައިގެންދާންޖެހެނީ ނޯކަރަށެވެ. ޑޮކްޓަރުން ދޭ އިރުޝާދާއި އެއްގޮތަށް ފަރުވާކުރަން މަސައްކަތްކުރިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގެން ފަށައިފިއެވެ. އަބަދު ވާހަކަދައްކުވަން މަސައްކަތްކުރަން ފެށުމުން ވާހަކަދެއްކެންވެސް ފަށައިފިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަނބިމީހާއަކަށް ނުއަންގައެވެ. އަނބިމީހާ ހީކޮށްގެން ހުންނަނީ ފިރިމީހާ ގަދަނުވާނެ ކަމަށެވެ. އެހެންވެ ޢަމަލުތައް ބަހައްޓަމުން ގެންދިއައީ ހިތަށް އެރިހައި ގޮތަކަށެވެ.
އެއްރޭ ދަންވަރު 2 ޖެހިއިރު ގެއަށް އައުމުން ސެކިޔުރިޓީން އަނބިމީހާއަށް ހުރަސްއަޅައި ދެއްކީ ފިރިމީހާގެ އަމުރެވެ! "އަނބިމީހާ މިގެއަށްވެސް އަދި އަހުރެންގެ އެއްވެސް އޮފީހަކަށްވެސް ވަނަނުދޭށެވެ. އަނބިމީހާއަށް އޭނާގެ ގެއަށް ނުވަތަ އޭނާ ބޭނުންވާ ތަނަކަށް ދާންބުނާށެވެ. ވަރީގެ ކަންތައް އޮންނާނީ ކޯޓުން މިހާރުވެސް ނިންމާފައި ކަމަށްވެސް ބުނާށެވެ."
އެވަރުންވެސް އަނބިމީހާ ނުގޮސް ގޭގެ ޕޯޓިކޯތެރޭގައި މަޑުކޮށްގެން އިނީއެވެ. ފިރިމީހާ އާއި ބައްދަލުކޮށް ވާހަކަދައްކައިގެން ކަންކަން ޙައްލުކުރެވޭނެ ކަމަށް ވިސްނައިގެންނެވެ. އެހެން އިންދާ ހެނދުނު 7 ޖެހިއިރު ގޭގެ ދޮރު ހުޅުވާފައި ނުކުތީ ފިރިމީހާ އާއި އޭނާ ގެއަށްގެނައި ނޯކަރެވެ. ފިރިމީހާ ހުރީ ކޯޓުފަޓުލޫނުލައި އޮފީހަށްދާން ތައްޔާރުވެގެންނެވެ. ނޯކަރުވެސް ހުރީ އޮފީހަށްދާ ހެދުމެއްގައެވެ. ފިރިމީހާ ނުކުތީވެސް ހިނގާފައެވެ.
އަނބިމީހާއަށް ފުންމައިގެން ތެދުވެވުނެވެ. "މަކަރުވެރިޔާ! ހުރި ނުބައިކަން ނިކަން ދެކިބަލަ!" ފަދަ ބަސްތަކެއް ބުނަންފެށުމުންފިރިމީހާ އަތުން ސެކިޔުރިޓީންނަށް ޢިޝާރާތްކުރީ ގަދަކަމުން ނަމަވެސް ގެއިން ނެރުމަށެވެ. ގޯތިންވެސް ބޭރުކުރުމަށެވެ. އެކަމަށް ދެކޮޅުހަދަމުން ދަނިކޮށް ދެމީހުން ކާރަށް އަރައިގެން ދިއައީއެވެ. ސެކިޔުރިޓީން އޭނާ ދޮރާށިން ބޭރުންކޮށްފައި ތަޅުލީއެވެ.
މިއީ އިނގިރޭސިވިލާތުގެ މިލިއަނަރެއްގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. އޭނާ އަނބިމީހާ ވަރިކުރީވެސް އޭނާ ބަލަހައްޓަން ގެއަށް ގެނެވުނު ނޯކަރާއި ކައިވެނިކޮށްފައެވެ. މިވާހަކަ މަޝްހޫރު ނޫސްތަކުގައިވެސް ޝާއިޢުކުރިއެވެ.
އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ މިފަދަ ކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް ހިނގަމުންދާތީއެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ބަލިހާލެއްގަ އުޅެންޖެހޭ އިރަށް އުދުހެން ބޭނުންވާ ބައިވެރިންގެ ނުބައިކަން ފެންނާތީއެވެ.
- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް