ޝައިޠޯނާގެ ނުރައްކާ ނެތްތަނެއް، ގެއްލުން ނުދޭނެ މީހެއް ނެތްކަމާ ޝައިޠޯނާއަށް ބިރުވެތިވާންޖެހޭ މިންވަރު އެނގިގެންދާ ޙާދިޘާއެއް- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޝައިޠޯނާގެ ނުރައްކާ ނެތްތަނެއް، ގެއްލުން ނުދޭނެ މީހެއް ނެތްކަމާ ޝައިޠޯނާއަށް ބިރުވެތިވާންޖެހޭ މިންވަރު އެނގިގެންދާ ޙާދިޘާއެއް- ޙަދީޘުން

ޝައިޚުގެ ދަރުސަށް ފެށުމުގެ ކުރިން ވަރަށް ކުޑަކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. ޝައިޚަކު ހެޔޮ ނަޞޭޙަތެއް ދިނަސް މިއަދު އެއްބައަކު މިބުނަނީ އެއުޅެނީ ޝައިޚުގެ ހިތް ގޯސްވެގެން ކަމަށެވެ. ނަމަވެސް ޙަޤީޤަތް އޮތް ގޮތް މިއޮތީ ޙަދީޘްފުޅުން ފެންނާށެވެ! ވިދާޅުވެލައްވާށެވެ!  

ޙައްޖުގައި ރަސޫލް ﷺ ގެ އަރިއަހުގައި ބޮޑުބޭބޭފުޅު އަލްފަޟްލް އިބްން ޢައްބާސް ވަނިކޮށް ޒުވާން ޞަޙާބީ ބޭކަނބަލެއް ވަޑައިގެން ރަސޫލް ﷺ އަށް ސުވާލެއް ކުރެއްވެވިއެވެ. ރަސޫލް ﷺ ޖަވާބު ދެއްވެވުމުން އެކަމަނާ ހިންގަވައިވަޑައިގަންނަވަން ފެށްޓެވުމުން ކޮއްކޯފުޅު އަލްފަޟްލް އިބްން ޢައްބާސް އެކަމަނާއަށް ބައްލަވަން ފެށްޓެވިއެވެ.

އެހިނދު ރަސޫލް ﷺ އެކަލޭގެފާނުގެ ކޮއްކޯފުޅުގެ ކަރުފުޅު އޯގާތެރިކަމާއިއެކު އެހެންދިމާޢަކަށް އަނބުރުއްވަވައި ލެއްވެވިއެވެ. އެތަން ފެނިވަޑައިގަތުމުން އެކަމާއިބެހޭ ގޮތުން ބޮޑުބޭބޭފުޅު ޢައްބާސްގެފާނު ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިމަން ކަލޭގެފާނަށް ފެނިވަޑައިގަތީ ޒުވާން އަންހެނަކާއި ޒުވާން ފިރިހެނެކެވެ. ތިމަން ކަލޭގެފާނު ޝައިޠޯނާއަކަށް އިތުބާރެއް ނުކުރައްވަވަމެވެ. ކަންބޮޑުވެވަޑައިގަތީ ޝައިޠޯނާ އެދެ ޒުވާނުންނަށް ދީފާނެ ގެއްލުމަކަށެވެ." 

މިދައްކަނީ ޙައްޖުގެ ވާހަކައެވެ. މާތް ޞަހާބީންގެ ވާހަކައެވެ. ރަސޫލް ﷺ ގެ ޢާއިލާގެ ބޭފުޅުންނާއިމެދު ކަންކަން ކުރެއްވެވި ގޮތުގެ ވާހަކައެވެ. ޝައިޠޯނާ ދީފާނެ ގެއްލުމަކަށް ރަސޫލް ﷺ އެހައި ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއިރު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ތިބެވޭނީ ކޮންތަނެއްގައިހެއްޔެވެ؟ ދެޖިންސުން އެކުގައި މިސްކިތެއްގައި ތިބިނަމަވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްވެވޭނެ ހެއްޔެވެ؟  

މަގުމައްޗަށް އަންހެނަކު (ﷲ ތަޢާލާގެ ރައްކައުތެރިކަން ނުހޯދައި) ނުކުމެއްޖެނަމަ ޝައިޠޯނާ އޭނާއާއިއެކުގައިވާނެއެވެ. އޭނާގެ ކަންކަން ދެއްކުންތެރިކުރުވަން ބާރުއަޅާނެއެވެ. އަދި ފިރިހެނުންގެ ސަމާލުކަމަށް އޭނާ ގެނުވާނެއެވެ. އޭނާގެ ސިފަ ކޮންމެ ގޮތަކަށް ހުރިނަމަވެސް އެކަންކަން ފޮރުވައިދޭނެއެވެ. އޭނާ އާއި ގުޅުން ހިންގަން (ފާހިޝް ޢަމަލުހިންގަން) ޝައުޤުވެރިކުރުވާނެއެވެ. މިއީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ. ބެލުންތައް ތިރިކުރަން ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ އެހެންވެގެންނެވެ.  

އަދި ކީއްހެއްޔެވެ؟ އިބްން މަސްއޫދުގެ ރިވާޔަތަކުން އެނގެން އޮތް ގޮތުގައި އަންހެނަކު ގެއިން ބޭރަށް ނުކުންނަން އުޅޭނަމަ ފިރިހެނުންގެ ސަމާލުކަން ލިބޭނެ ގޮތަށް ހެދުން އަޅައި ޒީނަތްތެރިވާން ޝައިޠޯނާ ބާރުއަޅާނެއެވެ.  

މާތް ﷲ އަހަރެމެން ޝައިޠޯނާގެ ކިބައިން ސަލާމަތްކުރައްވަވާނދޭވެ! އާމީން

 

- ޝައިޚް މަޖީދް މަޙްމޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން