ތަޤްވާވެރިންނަށް ރައްކައުތެރިކަން ދެއްވަވާނެ!: ދަރިއަކަށް ފެނުނު ހުވަފެނަކުން ތަޤްވާވެރި މަންމައަށް ކުރިމަތިވާން އުޅުނު ނުރައްކަލުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ތަޤްވާވެރިންނަށް ރައްކައުތެރިކަން ދެއްވަވާނެ!: ދަރިއަކަށް ފެނުނު ހުވަފެނަކުން ތަޤްވާވެރި މަންމައަށް ކުރިމަތިވާން އުޅުނު ނުރައްކަލުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

ބައެއް މީހުން ބުނެއެވެ. ތަޤްވާވެރިވާންޖެހޭކަން އެންމެންނަށްވެސް އެނގޭއިރު އަބަދު ތަޤްވާވެރިކަމުގެ ވާހަކަދައްކަނީ ކީއްކުރަން ހެއްޔެވެ؟ މިއީ ކުރިން އަޅުގަނޑުގެ ހިތުގައިވެސް އުފެދުނު ސުވާލެކެވެ. މިހާ ގިނައިން ޢިލްމްވެރިން ތަޤްވާވެރިކަމުގެ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟  

އަހުރެމެން ކޮންމެ މީހަކު އުޅެން އޮތީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. އެއީ ތަޤްވާވެރިކަމުގެ މަގެވެ. އެގޮތުގައި އުޅޭނަމަ ކުރިމަތިވާ ނުރައްކާތަކުން އެމީހަކު ސަލާމަތްކޮށްދެއްވަވަތެވެ. އެކަނި ދަރިން (ޚާއްޞަކޮށް އަންހެން ދަރިން) ބަލަންޖެހުމުން އެދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރެވެނީ މަދު މަންމައަކަށެވެ. އެކަން ކުރެވިއްޖެނަމަ އެމަންމައަކަށް ﷲ ތަޢާލާ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އެއިގެ ތެރޭގައި ނަރަކައިން ސަލާމަތްކުރެއްވެވުންވެސް ހިމެނެއެވެ.

ތިރީގައި އެވަނީ ހެޔޮލަފާ މަންމައަކަށް ކަތިފިޔަވަޅެއް އެޅިދާނެފަދަ ޙާލަތެއް ކުރިމަތިވިހިނދު އެކަމުން ސަލާމަތްވާން މެދުވެރިވި ސަބަބުގެ ވާހަކައެވެ. އެނގިގެންދަނީ ތަޤްވާވެރިވުމާއި ތަޤްވާވެރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުން ކުރާ ބޮޑުފައިދާއެވެ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑުމެންގެ މަންމައަކީ ވަރަށް ހުޝިޔާރު ، ވަރަށް ހީވާގި، ވަރަށް ހެޔޮ، އަދި ދަރިންގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މަންމައެކެވެ. ބައްޕައެއްގެ އެހީތެރިކަމާއި ނުލާ 3 އަންހެން ދަރިން ބަލައި ބޮޑުކުރި މަންމައެވެ. ފަރުޟް 5 ނަމާދު ޤަވާއިދުން އަޅުގަނޑުމެންލައްވާ ކުރުވާ މަންމައެކެވެ. މަންމަގެ އެފަދަ ހުރިހާ ކަންކަމަށް ހަމަ އޭ+ މަތިމައްޗަށްވެސް ޙައްޤުވާނެއެވެ.

ނަމަވެސް މަންމަގެ ވަރަށް ބޮޑު ބަލިފައެއް އޮވެއެވެ. އެއީ ރޭގަނޑު ބޭރުގައި އުޅުމެވެ. އަޅުގަނޑުމެން އެއްވެސް ކުއްޖަކު ތަނަކަށް ދާންޖެހިއްޖެނަމަ ދެވޭނީ މަންމަ އާއިއެކުގައެވެ. ނަމަވެސް މަންމަ ގެއަށް އަންނާނީ ކޮންމެ ރެއަކުވެސް 11، 12 ޖަހާއިރުއެވެ. އުޅުނުތަންވެސް ނުބުނާނެއެވެ.  

އަބަދުވެސް މިކަން އޮންނަނީ މިހެންނެވެ. ކޮންމެއަކަސް އެއްރޭ ހުވަފެނުގައި އަޅުގަނޑަށް ފެނުނީ ބޮޑު ހުސްބިމެކެވެ. މަންމަގެ ހެދުމުގެ ފަސްބައިގައި ރޯވެ އަނދަނީއެވެ. މަންމައަށް އެ އަލިފާން ނިއްވައެއް ނުލެވެއެވެ. އަޅުގަނޑަށް ހުރެވެނީ މާދުރުގައެވެ. މަންމައާ ގާތެއް ނުވެވެއެވެ.  

އެވަގުތު އެތަނުން ހެޔޮލަފާ ޒާތަށް ހުރި މުސްކުޅި ފިރިހެނަކު ފެނުނެވެ. މަންމަގެ ހެދުމުގައި ރޯވެފައިހުރި އަލިފާން ނިއްވާލަދޭތޯ އާދޭސްކުރީމެވެ. އެމީހާ ބުނީ "ތިއަ އަލިފާނުން މަންމަ ސަލާމަތްކުރަން ބޭނުންނަމަ ގޭގައި ހިފަހައްޓުވާށެވެ! ހިލިހިލާ ޖަހައިގެން ނަމަވެސް އެކަން ކުރާށެވެ!" އެހިސާބުން އަޅުގަނޑަށް ހޭލެވިއްޖެއެވެ.  

އެންމެ ދޮށީ އަޅުގަނޑެވެ. ވީމާ މަންމަ ގޭގައި ހިފަހައްޓަން ކުރާނެ ކަމަކާއިމެދު ވަރަށް ބޮޑަށް ވިސްނާފައި ގޮތެއް ރާވައިލީމެވެ. ނެޓުން ސާޗްކޮށްގެން ބަލިވެ އިން ކަމުގެ ލިޔުމެއް ހޯދީމެވެ. އެލިޔުން އައިޖއެމްއެޗްގެ ލިޔުމަކަށްވެސް ބަދަލުކުރީމެވެ. ލިޔުން އެއީ އަޅުގަނޑަށް ދދީފައި އޮތް ލިޔުމަކަށް ވެސް ބަދަލުކުރީމެވެ.  

އެރޭ މަންމަ ގެއިން ބޭރުގައި އުޅެނިކޮށް އެލިޔުން ވައިބަރކޮށްލީމެވެ. 5 މިނިޓްވެސް ނުވަނީސް ގެއަށް އަތުވެއްޖެއެވެ. ގެއަށްވަނީވެސް ރޮމުން ރޮމުންނެވެ. ގެއަށް ވަންތަނުން އިރުކޮޅަކަށް ހޭވެސް ނެތުނެވެ. ހޭއަރައި ކުޑަކޮށް ހަމަޖެހިލީމާ ރޭ ފެނުނު ހުވަފެން ކިޔައިދިނީމެވެ. އަދި އެލިޔުމަކީ ފޭކް ލިޔުމެއް ކަމަށްވެސް ބުނީމެވެ. ނަމަވެސް މަންމަ ގޭގައި މަޑުނުކުރާނަމަ ބޭރަށް ނުކުމެ މަގުމަތިން ނަމަވެސް ދަރިއަކު ހޯދާނެ ކަމަށްވެސް ބުނީމެވެ.  

އެއިގެ 3 ރޭ ފަހުން މަންމަ ކިޔައިދިނެވެ. "ދަރިފުޅަށް ތިއަ ފެނުނު ހުވަފެނުގައި ވަރަށް ބޮޑު ޙަޤީޤަތެއްވެއެވެ. މަންމަ ފޫހިފިލުވާލަން މިދަނީ ދުރުތަނަކަށް ނޫނެވެ ސަލްމާއްތަމެންގެ ގެއަށެވެ. އެގެއަށް އަންނަންފެށި ފިރިހެނަކު މަންމަ ފަހަތުން އަޅައިގަނެގެން އުޅޭތީ މަންމަ މިހުންނަނީ ވަރަށް ބިރުންނެވެ. އެއީ ތަނަވަސް މީހެއްވީމާ ސަލްމާތައަކަށް އެއްޗެއް ބުނާކަށްވެސް ނުކުރެއެވެ."  

އަޅުގަނޑު ބުނީމެވެ. "ދެން މަންމަ އެކަނި ނުދާށެވެ! ދަރިއަކު ގޮވައިގެންދާށެވެ. ނޫނީ މަންމަ ފޫހިފިލުވަން ބޭނުމިއްޔާ މަންމަ ގޮވައިގެން ކޮންމެ ރެއަކު މާލެވަށާ 3 ބުރުވެސް އަހަރެމެން 3 ބެއިން ޖަހައިފާނަމެވެ. އެކަން އަހަރެމެންނަކަށް ބުރައަކަށް ނުވާނެއެވެ."  

އެހިސާބުން މަންމަ އެކަނި ރޭގަނޑު ގެއިން ބޭރަށް ދިއުން ހުއްޓިއްޖެއެވެ. އަޅުގަނޑުމެން 3 ބެއިން އެކަނި ގޭގައި ތިބެންޖެހުން ވެސް ނިމުމަކަށް އައީއެވެ. މާޝާ ﷲ

 

- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން