ވަރަށް އަސަރާއެކު މަންމައަކު ކިޔައިދިން ޙާދިސާއެއް!: ދަރިންނަށް އަޑުއިއްވައި ނުބައިބަސްތައް ބުނަމުންއައި ބައްޕަގެ ސަބަބުން ޒަވާޖީ ޙަޔާތް ބަރުބާދުވި 2 ދަރިންގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ވަރަށް އަސަރާއެކު މަންމައަކު ކިޔައިދިން ޙާދިސާއެއް!: ދަރިންނަށް އަޑުއިއްވައި ނުބައިބަސްތައް ބުނަމުންއައި ބައްޕަގެ ސަބަބުން ޒަވާޖީ ޙަޔާތް ބަރުބާދުވި 2 ދަރިންގެ ވާހަކަ-

ދަރިންގެ ކުރިމަތީގައި ނޫންނަމަވެސް ދެމަފިރިންކުރެ އެކަކުވެސް ދުލުން ނުބައި ބަސްތައް ބުނާނަމަ އެކަމުގެ ސަބަބުން ހިތްދަތިކަން ލިބޭނެއެވެ. އަދި ދަރިންގެ ކުރިމަތީގައި އެފަދަ ބަސްތައް ބުނާނަމަ ދަރިންނަށް އެކަން ދަސްވާނެއެވެ.  

މިއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަށް އެކަންކަމަށް ވިސްނައިވެސް ނުލެވެނީއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. ތިރީގައި އެވަނީ މިފަދަ ޙާލަތެއް ކުރިމަތިވި މަންމައަކު ކުރަންޖެހުނު ހިތްދަތި އިޙްޞާޞްްތަކުގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ލިބިގަންނާށެވެ!  

ކޮންމެ މީހަކަށް ކަންކަން ދިމާވާނީ އެއްގޮތަކަށް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާއެއްގެ ވާހަކައެވެ.  

އަޅުގަނޑުމެންގެ ކައިވެންޏަށް ލިބުނީ 2 ފިރިހެންދަރިންނެވެ. އެކުދިން ބޮޑުވަމުން އައިދުވަސްވަރު އެންމެ ގިނައިން އިވޭނެ އެއް އަޑަކީ އަޅުގަނޑާއި ދިމާއަށް ފިރިމީހާ އެއްޗެތިގޮވާއަޑެވެ. ކޮންމެވެސް ކަމެއް ނުކުރެވިހުރެގެން، ކައްކާފައި ހުންނަ ތަކެތީގެ ރަހަ ނުބައިވެގެން ނޫނީ ކޮންމެވެސް ކަމެއްގެ ތުހުމަތު އަޅުވައިފައެވެ.  

ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދިއައިރު ދެ ދަރިންގެ އުމުރަކީ 12 އަހަރާއި 10 އަހަރެވެ. އަޅުގަނޑު އުންމީދުކުރީ އެހިސާބުން ސިކުނޑިއަށް ލުޔެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ބައްޕަ ދިއުމުން ބައްޕަ ކުރިން އަދާކުރި ދައުރު ދޮށީދަރިފުޅު އަދާކުރަން ފަށައިފިއެވެ. އޭނާގެ ފަހަތުން ދެވަނަ ދަރިފުޅުވެސް ހަމަ އެކަންކަން ކުރަން ފަށައިފިއެވެ. ދަރިންގެ ބައްޕަ އަޅުގަނޑާއި މުޚާޠަބްކޮށް ބުނަމުން އައި ބަސްތައް ދަރިން އަޅުގަނޑާއި ދިމާއަށް ބުނަން ފަށައިފިއެވެ.  

އެޙާލަތުގައި މަޔަކަށް ކުރާނެ އަސަރު ހިތަށް ގެންނާށެވެ. ނަމަވެސް ކުރާނެ، ކުރެވޭނެ ކަމެއް ނެތެވެ. ދަރިންނެވެ. ނެރެ މަގުމައްޗަށް އެކައިލުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންވެ ހަމަ އަނގައިން ވެސް ނުބުނެ މަޑުން އިނީއެވެ.  

މިއަދު އަޅުގަނޑު މިއިނީ 60 އަހަރުންމަތިވެ މުސްކުޅިވެފައެވެ. ގައިބާރުދެރަވެފައެވެ. ދަރިން އެއިރު ބުނިފަދަ ބަސްތަކެއް މިހާރަކު އަޅުގަނޑަކަށް ނުބުނެއެވެ. ދަރިން އަޅުގަނޑަށް ގޯހެއްވެސް ނޫނެވެ. ނަމަވެސް ހިތާމައަކީ ދޮށީ ދަރިފުޅު މިހާރު އެއުޅެނީ 3 ވަނަ އަނބިމީހާ އާއިއެކުގައެވެ. ކޮންމެ އަންތބަކުވެސް ވަރިވަނީ ދަރިފުޅުގެ ދުލުގެ ނުބައިކަމުންނެވެ. 2 ވަނަ ދަރިފުޅު އެއުޅެނީ 2 ވަނަ އަނބިމީހާ އާއިއެކުގައެވެ. އޭނާގެވެސް އޮތީ ހަމަ އެއް މައްސަލައެކެވެ. ދުލުގެ ނުބައިކަމެވެ. ދެދަރިންގެވެސް މައްސަލައަކީ އަނބިން ކުށްވެރިކުރުމަށް ދެވިހިފާފައި ތިބުމެވެ.

މިއަދުނޫހުގައި ލިޔާ "ޙަޤީޤީ ވާހަކަ" ސީރީޒް ކިޔަމެވެ. މިކިޔައިދިނީ ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ދަރިން ބޮޑެތިވަމުން އަންނައިރު އެމީހުންނަށް ދައްކަންޖެހޭ ރަނގަޅު ނަމޫނާ ނުދެއްކިއްޖެނަމަ މިފަދަ ހިތާމަވެރި ގޮތްތައް ދަރިންނަށް މެދުވެރިވެއެވެ.  

މިފަދަ ނުބައި ތަރުބިއްޔަތު ލިބުމުން އެކަންކަން ރަނގަޅުކުރުމަކީ އެކަނިވެރި މައަކަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެކަމަށް އަޅުގނޑު ނުކުރާ މަސައްކަތެއް ނުއޮންނާނެއެވެ ބުނާވަރަށް މަސައްކަތްކުރީމެވެ. ކެތްތެރިވުން ނޫން ގޮތެއް ނެތުމާއިއެކުވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރީމެވެ. ދެވަނަ ކައިވެންޏެއް ނުކުރެވި އުމުރުގައި އިންނަން މިޖެހުނީވެސް ހަަމ އެމަސައްކަތުގައި އުޅެންޖެހުނުވަރުންނެވެ.  

އަޅުގަނޑު ބުނާނީ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނު ނަމަވެސް އެކަން ދަރިންނަށް އަންގަން ހެޔޮނުވާނެއެވެ. ދަރިން ކުރިމަތީގައި އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނަން އަމުދުން ހެޔޮނުވާނެއެވެ.  

- ޒުނޭރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން