ގެތަކުގަ ޢާންމުވެ ބޮޑުވަބާއަކަށްވެފައިވާއިރު ގިނަ ބައަކަށް ގެވެށިއަނިޔާ ނުވެސް އެނގޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ގެތަކުގަ ޢާންމުވެ ބޮޑުވަބާއަކަށްވެފައިވާއިރު ގިނަ ބައަކަށް ގެވެށިއަނިޔާ ނުވެސް އެނގޭ!

"އަޅުގަނޑުގެ ފިރިމީހާ ޖިސްމާނީ އަނިޔާއެއް ނުކުރެއެވެ! އެކަމަކު ހިތްފަޅައިގެންދާނެ ވަރުގެ ބަސްތަކުން މުޚާޠަބް ނުކުރާ ދުވަހެއް ނުދެކެމެވެ. ގުނަވަންތައް ނުބިންދާނަމަ ޖިސްމާނީ އަނިޔާއަކަށް ނުވަނީތޯ؟" މިފަދަ ސުވާލުތައް ކޮންމެ ދުވަހަކުހެން އަންނަނީ ލިބެމުންނެވެ.  

މުޖުތަމަޢުގައި ކަމެއް ޢާންމުވެއްޖެނަމަ ދުވަސްކޮޅެއްފަހުން އެކަމުގެ ވާހަކަ ދައްކައި އުޅޭ މީހުން މަދުވެގެންދެއެވެ. އެއީ ޢާންމު ކަމެއް ކަމަށާއި މާބޮޑު މައްސަލައެއް ނޫންކަމަށް ބެލެވެން ފަށައެވެ. ނަމަވެސް އެއިގެ މާނައަކީ މައްސަލަ މުޖުތަމަޢުން ފިލައިގެން ދިއުމެއް ނޫނެވެ. އާކަން ކެނޑެނީއެވެ.  

ގެވެށި އަނިޔާގެ ވާހަކަތައް މިހާރަކަށް އައިސް ދެކެވޭ މިންވަރު މަދުވެފައިވީނަމަވެސް މިއަދުނޫހުގެ ކިޔުންތެރިންގެ ފަރާތުން ހުށަހެޅޭ ސުވާލުތަކަށްބަލާއިރު ގެވެށި އަނިޔާ ލިބެމުންދާ އެތައް ބައަކު އެބަތިއްބެއެވެ. އަނިޔާއަށް ކެތްކުރަން މަޖުބޫރުވާތީ ކެތްތެރިވަމުންގޮސް ނަފްސާނީ ބައްޔަކަށްވެފައި ތިބި މީހުންވެސް ބައިވަރެވެ.  

މީގެ އިތުރުން މައްސަލައެއް ހުށަހެޅިނަމަވެސް ކުރާ މާބޮޑު ފައިދާއެއް ނެތުމުން މައްސަލަ ހުށަނާޅައި ދަރިންނަށްޓަކައި ކެތްތެރިވަމުންދާ އަންހެނުންވެސް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ.  

އެހެންކަމުން މިގެނެސްދެނީ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ. އުންމީދަކީ ހޭލުންތެރިވެ އަނިޔާވެރިވުން ހުއްޓާލައި ރިވެތި ދިރިއުޅުމެއް އުޅެން ހިތްވަރުދިނުމެވެ.

އިސްލާމްދީނުގައި ގެވެށި އަނިޔާއަށް ޖާގައެއް ނެތެވެ. 

މާތް ﷲ ވަނީ އެ އިލާހުގެ ޒާތުފުޅަށް ވެސް އަނިޔާވެރިކަން ޙަރާމް ކުރައްވާފައެވެ. ޤުދުސީ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. " އޭ ތިމަން އިލާހު އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން އިލާހުގެ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ވެސް އެއީ ޙަރާމް ކަމެއް ކަމުގައި ކަނޑައަޅުއްވައިފީމެވެ. ފަހެ، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާ ހުށިކަމެވެ." (صحيح مسلم: 2577) 

އިސްލާމްދީނުގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނެތް ކަން ޤުދުސިއްޔަ މި ޙަދީޘްފުޅުން އެކަނި ވެސް ހާމަވެގެން ދެއެވެ.  

އާދެ، ގެވެށި އަނިޔާ އަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމު ވެފައިވާ އިޖުތިމާޢީ ބަލިމަޑު ކަމެކެވެ. އިންސާނީ ޠަބީޢަތް ނިޔާ ކުރާ ގޮތުން ގިނަ ފަހަރަށް މިފަދަ އަނިޔާގެ އަމާޒު ފަތްގަނޑަކަށް ވެގެން ދަނީ އަންހެނުންނެވެ. މިއީ އަވަސް ފަރުވާއެއް ބޭނުން ވެފައިވާ އިޖުތިމާޢީ ފާރުގަނޑެއް ކަން ކަށަވަރެވެ.  

ކީރިތި ޤުރުއާނަށް ނަޒަރު ހިންގައިލާއިރު ފެނިގެން ދަނީ އެކަނބަލުންނާއެކު ހެޔޮ ގޮތުގައި އުޅުމަށް އަމުރު ކުރައްވާފައިވާ އިލާހީ އަމުރުފުޅެވެ. އަދި ނުއުޅެވި ވަކިވާން ޖެހިއްޖެނަމަ، ހެޔޮ ގޮތުގައި ވަކިވުމަށް ކުރައްވާފައިވާ އަމުރުފުޅެވެ. މިއީ ޤުރުއާނުގެ ސީދާ ނައްޞުތަކުން ފެންނަން އޮތް ޙަޤީޤަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ގިނަގުނަ އިރުޝާދުފުޅުތަކާއި ވަޞިއްޔަތްޕުޅުތަކުގައި ވެސް އެކަލޭގެފާނު ވަނީ އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވާފައެވެ. ޙައްޖަތުލް ވަދާޢުގައި " ތިޔަބައިމީހުންގެ އަނބިންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތް ކުރައްވަމޭ" ޙަދީޘްފުޅު ކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ އެންމެ ފަހު ނޭވާފުޅުގައި ކުރެއްވި ވަޞިއްޔަތުގައި ވެސް އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. މީގެ އިތުރުން، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް (އެބަހީ އަނބިދަރިންނަށް) ހެޔޮ މީހާ ކަމަށް ވެސް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ.

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި މިހައި ވަރަށް އަންހެނުންނަށް އޯގާތެރިވުމަށް އަންގަވައި އަމުރުކުރައްވާފައި ވީހިނދު އެ އަމުރުފުޅުތަކާ ދެކޮޅަށް ފުރިހަމަ މުއުމިނަކު ޢަމަލެއް ނުކުރާނެކަން ޔަޤީނެވެ. އެފަދައިން މީހެއްގެ ފަރާތުން އެ ކަންކަން ފެންނަނަމަ އެއިން އެނގިގެން ދަނީ ދީނާ އެމީހަކު ދުރުވެފައިވާ މިންވަރެވެ. މާތް ﷲ އަށް ބިރުވެތިވުމެއް ނެތް މިންވަރެވެ. އެމީހެއްގެ ހިތުގައި އިންސާނިއްޔަވަންތަކަން ވެސް ގެއްލިފައިވާ ކަމެވެ.  

ދެމަފިރިއެއްގެ ދެމެދުގައި ގޮށްޖެހިގެންދާ ޒަވާޖީ ޙަޔާތުގެ ގުޅުމެއްގެ އަސާސަކަށް ވާން ޖެހޭނީ ލޯތްބާއި ކުލުނާއި އަޅާލުމާއި ހަމްދަރުދީ އާއި ރަޙުމާއި އޯގާތެރިކަމެވެ. އެއީ އަނިޔާވެރިކަމާއި ގޯނާއާއި ފުރައްސާރައާއި ނަފްރަތުގެ މައްޗަށް ބިނާވާން ޖެހޭ ގުޅުމެއް ނޫނެވެ. 

ގެވެށި އަނިޔާއިން ސަލާމަތްވެފައިވާ ރަނގަޅު މުޖުތަމަޢެއް ބޭނުން ނަމަ، އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ބިރުވެތިވެ، އެ އިލާހުގެ ދީނުގައި ވާ އަމުރުފުޅުތަކާއި އިރުޝާދުފުޅުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެކަންކަމަށް ކިޔަމަންގަތުމެވެ.

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން