ޢިބްރަތްތެރި ވާހަކަ: ނިކަމެތި ޙާލުގަ އުޅެންޖެހިފައިވާ އަންހެނުންނަށް އެހީތެރިވެދިނުމަކީ ދަރިން ލިބޭ ކަމެއްކަން ތަޖުރިބާކުރެވުނު ދެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢިބްރަތްތެރި ވާހަކަ: ނިކަމެތި ޙާލުގަ އުޅެންޖެހިފައިވާ އަންހެނުންނަށް އެހީތެރިވެދިނުމަކީ ދަރިން ލިބޭ ކަމެއްކަން ތަޖުރިބާކުރެވުނު ދެ ޙާދިސާއެއްގެ ވާހަކަ-

ދަރިން ނުލިބުން އެކަންޏެއް ނޫނެވެ. ތިމާއަށް ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަންވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބުމަށެވެ. އެއިރުން އެމީހަކަށް ޙާޞިލުނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެތީއެވެ.  

އެއްވެސް މީހަކަށް އެހީތެރިވާނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ވޮޑިގެންވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި މީސްތަކުންނަށް ކުރިމަތިވާ ބުރަކަންކަން ފިލުވައިދޭނަމަ (އެމީހަކަށް އެހީތެރިވާނަމަ) އެމީހަކަށް ދުނިޔެއާއި އާޚިރަތުގަވެސް ރަޙްމަތް ލައްވަވާނެކަންވެސް އެނގެން އެބައޮތެވެ.  

ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާ އަންހެނުންނަށާއި މާބަނޑު އަންހެނުންނަށް އެހީތެރިވުމަކީ ޞަދަޤާތުގެ ތެރެއިން މަތިވެރި ޞަދަޤާތެކެވެ. އެހެންކަމާއިއެކުވެސް ދަތިޙާލުގައި ތިބޭ ނިކަމެތި އަންހެނުންނަށް އެހީތެރިވުމުގައި ގިނަ ބައަކު އަންނަނީ އިހްމާލުވަމުންނެވެ.  

ތިރީގައިވާ ވާހަކައަކީ މިގޮތުން ފާހަގަކޮށްލެވޭފަދަ ފިލާވަޅުތައް ލިބިގެންދާ 2 ޙާދިސާއެއްގެ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ.  

އެއްދުވަހަކު މަގުމަތިން މާބަނޑު އަންހެނަކާއި ބައްދަލުވިއެވެ. އޭނާއަކީ ފަޤީރެކެވެ. އޭނާ އެދުނީ އޭނާއަށް ބޭހެއް ގަނެދިނުމަށެވެ. ނުވަތަ އޭނާ ގޮވައިގެން ހޮސްޕިޓަލަކަށް ގޮސްދިނުމަށެވެ. އޭނާ ބުނީ އޭނާގެ ބަނޑުގައި ވަރަށް ގަދައަށް ރިއްސާ ކަމަށާއި ކެތްކުރެވޭވަރު ނުވާކަމަށެވެ.  

އަހަރެން އޭނާއަށް ސަމާލުކަމެއް ނުދެމެވެ. އަޅައިވެސް ނުލާ ދިއައީއެވެ. އަދި އެކަން ހަނދާނަކުވެސް ނުބަހައްޓަމެވެ. އެއީ ޙަޤީޤަތެއް ނެތި އެފަދަ ވާހަކަތައް ދައްކާ މީހުންނާއި އަބަދުވހެން ބައްދަލުވާތީއެވެ.

އަހަރެމެން ދެމަފިރިންގެ ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކުނެވެ. ޓެސްޓްތައް ހަދާފައި ކޮންމެ ފަހަރަކުވެސް ބުނަނީ އެއްވެސް މައްސަލައެއް ނެތްކަމަށާއި ބޭސްކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.  

މިކަމުގެ ކަންބޮޑުވުމުގައި އުޅެމުން އަންނަނިކޮށް ކޮންމެ ރެއަކުވެސް އެމާބަނޑު އަންހެން މީހާ ހުވަފެނުން ފެންނަން ފަށައިފިއެވެ. ވަރަށް ނިކަމެތިޙާލުގައި މަގުމަތީގައި އޭނާ އުޅޭތަނެވެ. އެހުވަފެން ތަކުރާރުކޮށް ފެންނަން ފެށުމުން އެކަމުގައި ސަބަބެއް އޮންނާނެ ކަމަށް ބަލައި މަގުތަކަށް ނުކުމެ އޭނާ ހޯދަން ފެށީމެވެ. އެތައް ދުވަހަކު މަގުތަކުގައި ހިނގިފަހުން މަގުމަތިން އޭނާއާއި ބައްދަލުވިއެވެ. ސަލާންޖަހަން އިންދައެވެ.  

އޭނާ އާއިމެދު އެދުވަހު ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވެ ހިތާމަކުރާކަމަށްބުނެ މާފަށް އެދުނީމެވެ. އެއިރު ބަލިވެއިން ދަރިފުޅު ކޮބައިތޯ ސުވާލުކުރުމުން ބުނީ ހަމަ އެދުވަހު ދަރިފުޅު ވެއްޓުނީކަމަށެވެ.  

އަޅުގަނޑު އޭނާ ގެއަށް ގެނައީމެވެ. ގޭގައި ގެންގުޅެން ފެށީމެވެ. ވަޒީފާއެއްވެސް ހޯދައިދިނީމެވެ. ވަޒީފާ ލިބުމުން ވަކިން ދިރިއުޅެވޭނެ ގޮތްވެސް ހަދައިދިނީމެވެ. އޭނާ އަހަރެންނަށް މާފުކޮށް ތައްރީފްކުރިއެވެ.  

ހަމަ އެމަހު އަޅުގަނޑު ބަލިވެ އިނދެއްޖެއެވެ. ދުވަސްފުރައި ލޯބިލޯބި ދަރިއަކުވެސް ލިބިއްޖެއެވެ. ދެމަފިރިން އެންމެ ބޮޑަށް އެދެމުން ކަންތައް ޙާޞިލްވީއެވެ.  

މިއީ އަޅުގަނޑުމެން ދެމަފިރިންނަށް ދަރިއަކު ނުލިބިގެން އުޅުނު ދުވަސްވަރު ސޯޝަލް މީޑިއާއިން އަޅުގަނޑުގެ އެކުވެރިއަކު އަޅުގަނޑާއި ޙިއްޞާކުރި ވާހަކައެކެވެ. މިވާހަކަ ކިޔުމަށްފަހު އެއިރު ރަށުގައި ތިބި މާބަނޑު އަންހެނުންގެ ތެރެއިން އެންމެ ފަޤީރު އަންހެން މީހާ އާއި ބައްދަލުކޮށް އޭނާއަށް ހެޔޮކޮށް ކަންކަންކުރީމެވެ. އެއްބަނޑު އުޚުތަކަށް ކަންކަންކޮށްދޭނެ ފަދައިން ކަންކަންކޮށްދިނީމެވެ.  

އޭނާ ވިހައިގަދަވުމުން ދެވަނަ އަންހެނަކަށްވެސް ހަމަ އެގޮތަށް ކަންކަންކޮށްދިނީމެވެ. 3 ވަނަ އަންހެނަކަށްވެސް ހަމަ އެގޮތަށް ކަންކަން ކޮށްދިނީމެވެ.  

ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވަނީ ﷲ އެވެ. މިވެނިކަމެއް މިހެންވީ ކޮންކަމެއްކޮށްގެންކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވީމާ އަޅުގަނޑުވެސް އެއްވެސް ކަމެއް ވަކިކަމަކާއި އަޅުވާކަށް ނެތީމެވެ. ނަމަވެސް ދަންނަވަން ޖެހެނީ އަޅުގަނޑު އެހީތެރިވި 3 ވަނަ އަންހެން މީހާ ވިހައިގެން 7 ދުވަސްވެ ނަންކީ ދުވަހަކީ އަޅުގަނޑު ބަލިވެއިންކަމަށް ޑޮކްޓަރުން ޔަޤީންކަންދިން ދުވަސް ކަމަށެވެ.  

މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ. އެއްވެސް ޙާލެއްގައި ދަރިން ނުލިބުނީމާ ވަކިކަމެއް ވަކިގޮތަކަށް ކުރަން ބުނުމެއް ނޫނެވެ. އަޅުގަނޑުގެ މިތަޖުރިބާއިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ ބޭނުން ޙާޞިލްވީއެވެ.

 

- ޒުހޭރާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން