އުފަލުގަ ދިރިއުޅެން ބޭނުންވާ ކޮންމެ ދެމަފިރިއަކަށްވެސް އޮތް އެންމެ އަގުހުރި ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
އުފަލުގަ ދިރިއުޅެން ބޭނުންވާ ކޮންމެ ދެމަފިރިއަކަށްވެސް އޮތް އެންމެ އަގުހުރި ފިލާވަޅު!

މިއީ ވަރަށް އަގުހުރި ފިލާވަޅެކެވެ. ކޮންމެ ދެމަފިރިއަކުވެސް ދަސްކޮށް ޢަމަލުކުރަންޖެހޭ ފިލާވަޅެކެވެ. މިބުނަނީ ވަރަށް ފޯރިގަދަ ބަހުސެއްގެ ވާހަކައެވެ. އަންހެނުން ބުނާނީ ނުބައި ގޮތްގޮތަށް އުޅެ ފާޙިޝް ޢަމަލުތައްކުރަނީ ފިރިހެނުން ކަމަށެވެ. ފިރިހެނުންގެ ބަސް މުޅިން ތަފާތުވާނެއެވެ. ފިރިހެނުން ބުނާނީ ނުބައި ގޮތްގޮތަށް އުޅެ ފާޙިޝް ޢަމަލުތައްކުރަނީ އަންހެނުން ކަމަށެވެ. މިއީއަކީ ނިމޭނެ ބަހުސެއްވެސް ނޫނެވެ. އަދި ވަކިބައަކު މޮޅުވާނެ ބަހުސެއްވެސް ނޫނެވެ.  

މިހެން މިބުނާ ސަބަބަށް ވިސްނާށެވެ! އެއްވެސް އަންހެނަކީވެސް އަދި ފިރިހެނަކީވެސް އޭނާގެ ޒާތުގައި ނުބައި މީހެއް ނޫނެވެ. ނުބައިވަނީ އެމީހުންކުރާ ޢަމަލެވެ. ނުބައި ޢަމަލުތައް ކުރާތީ  ނުބައި މީހަކަށްވަނީއެވެ.  

ދެންބަލައިލަން އޮތް ކަމަކީ ޢާންމު ގޮތެއްގައި ނުބައި ގޮތްގޮތަށް އުޅެ ފާޙިޝް ޢަމަލުތައްކުރަނީ އަނެހެނަކާއި ފިރިހެމެކެވެ. ވީމާ އެކަމުގައި ވަކިމީހަކު ކުށްވެރިކުރާނީ ކިހިނަކުންހެއްޔެވެ؟ އެއީ ކުރެވޭނެ ކަމެއް ނޫނެއް ނޫންހެއްޔެވެ؟ ކުށްވެރިވާނީ ދެމީހުން ނޫންހެއްޔެވެ؟  

ދެން އޮތީ ބޮޑަށް ކުށްވެރިވަނީ ކާކުކަން ބެލުމެވެ. އަހުރެންގެ ވިސްނުމުގައި އެއީ މުހިންމު ކަމެއް ނޫނެވެ. އެކި ފަހަރު ބޮޑަށް ކުށްވެރިވާނީ އެކިމީހުންނެވެ. ބޮޑަށް އަންހެނަކުވެސް ކުށްވެރިވެދާނެއެވެ. އަދި ފިރިހެނަކުވެސް ކުށްވެރިވެދާނެއެވެ. އެކަން ބެލުމުން ކުރާނެ ފައިދާއެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރަމެވެ.  

ފައިދާކުރާނީ އަންހެނުންވެސް އަދި ފިރިހެނުންވެސް ކުށް ނުކުރުމުންނެވެ. ފާފަނުކުރުމުންނެވެ.  

އެއްދުވަހަކު ދިމާވިކަމެއްވެސް ބުނެލާނަމެވެ. ފިރިމީހާ ހިލޭ އަންހެނަކާއި ގުޅުން ހިންގާކަން ފަޅާއަރައި ދެމަފިރިންގެ މެދުގައި މައްސަލަޖެހުނީއެވެ. ފިރިމީހާ ބުނީ އެކަންކުރެވުނީ އަންހެން މީހާ އުޅުނު ގޮތުން ކަމަށެވެ. މާބޮޑަށް ޝައުޤުވެރިކަން ފައުޅުކުރުމުން ކަމަށެވެ.  

ޖަވާބުގައި އަނބިމީހާ ބުނީ އެއް އަތް ކިތަންމެ ވަރަކަށް ހޫރި ނަމަވެސް އަޑެއް ނުކިޔާނެ ކަމަށެވެ. އަޑުކިޔާނީ ދެއަތްޖެހިގެން ކަމަށެވެ. ވީމާ އެއަންހެނާ އެގޮތަށް އުޅެން ފެށުމުން ފުރުޞަތުނުދީ ދުރަށްޖެހުނު ނަމަ އޭނާއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ދެއްކޭނީ ކޮން ތުޔެއް ހެއްޔެވެ؟  

ދެން އަނބިމީހާކުރީ ސުވާލެކެވެ! "އަހުރެންނަށް ޝައުޤުވެރިވާ މީހަކު ނެތްކަން ކަލެއަށް އެނގެނީހެއްޔެވެ؟ އޭނާއަށް އަހުރެން ފުރުޞަތުދީފައި އެއީ އޭނާ ޝައުޤުވެރިވާތީ ކުރެވުނުކަމެއްކަމަށް ބުނުމުން ތިބާ އަޅައިވެސް ނުލައި ހެވިފައި ހުންނާނީހެއްޔެވެ؟ އަނބިމީހާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ފިރިމީހާއަކަށް ނުއެނގުނެވެ!

މީގެ އަނެއްކޮޅުވެސް އެބައޮތެވެ! ކުށްކުރީ އަނބިމީހާ ކަމަށްވެފައި އަނބިމީހާ އެފަދަ ޖަވާބެއް ދީފިނަމަ ފިރިމީހާ ހަމަ މިސުވާލުތައް ނުކުރާނެހެއްޔެވެ؟ ކުރާނެކަން ޔަޤީނެވެ.  

ވީމާ ބުނެލަން އޮތީ އޮތް ހަމައެކަނި ޙައްލަކީ ތިމާ ކުށްނުކުރުން ކަމެވެ. ކުށްކޮށްފައި އަނެކާ ކުށްވެރިކުރުމުން ކުރާނެ ފައިދާއެއް ނެތެވެ. ޒަވާޖީ ޙަޔާތް އުފާވެރިކަމުގައި ދެމިއޮންނާނީ މިޙަޤީޤަތް ޤަބޫލުކުރުމުންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން