ބަލިތައް އިތުރުވާ ވާހަކަ ދެއްކުމުގައާ ފެތުރުމުގަސަމާލުކަންދޭންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ބަލިތައް އިތުރުވާ ވާހަކަ ދެއްކުމުގައާ ފެތުރުމުގަސަމާލުކަންދޭންޖެހޭނެ ކަމެއް!


އަހުރެން ފުރަތަމަ މިދައްކަނީ އެންމެންނަށް އެނގޭނެ

ކަމެއްގެ ވާހަކައެވެ. މިޘާލަކަށް ބުނާނަމަ އަހުރެންނަށް ރަނގަޅަށް އެނގޭ ޢުމުރުން 70 އަހަރުގެ އަންހެނެއްގެ ކިޑްނީ ފޭލްވެފައިވާކަމުގެ ޢަލާމާތްތައް ފެނުމުން އޭނާއަށް ޑައިލއސިސް ހެދުމަށް އަތަށް ހޮޅިކޮޅު ލައްވަން ޑޮކްޓަރުން ބުނިތާ 5 އަހަރުވެއްޖެއެވެ. އަދި އެންމެ ފަހަރަކުވެސް ޑައިލިސިސް ހަދާކަށް ނުޖެހެއެވެ. ދުޢާއަކީ އޭނާގެ ޢުމުރުގައިވެސް އެކަންކުރަން އޭނާއަށް ނުޖެހުމެވެ.  

ކޮންމެ ބައްޔެއްވެސް ޖެހޭނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. ޝިފާލިބުންވަނީވެސް ﷲ ގެ ޙަޟްރަތުންނެވެ. އަދި ޝިފާ ނުލިބުނަސް ބަލީގެ އުނދަގޫތައް ކުރިމަތިނުވެ ހުރެވުމަށް މިންވަރުކުރައްވަވަނީވެސް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.  

އަދިވެސް މިޘާލެއް ބުނެލާނަމެވެ. މިއީ މިދައްކަންއުޅޭ ވާހަކައާއި ގުޅުން ބޮޑު މިޘާލެކެވެ. އެއީ ޢަރަފާތު ދުވަހެކެވެ. ޢަރަފާތު ބިމުގައި 3،4 މިލިއަން މީހުން ތިއްބެވެ. އެކަމަކު ހޫނުގަދަވެގެން އެދުވަހު މަރުވީ އެންމެ 30 މީހުންނެވެ. ހޫނަށް މީހުންގެ ފުރާނަ ގެންދިއުމުގެ ބާރު އޮތްނަމަ މިވީ ކިހިނަކުން ހެއްޔެވެ؟  

އަހުރެން އެބައެއްގެ ތެރޭގައި ހުރި ޖަމާޢަތުގައި 3000 މީހުން ތިއްބެވެ. އެކަކުވެސް މަރެއް ނުވެއެވެ. ޙާލުދެރަވީވެސް އެންމެ 2 މީހުންނެވެ. އެންމެންވެސް ތިބީ ހަމަ އެބިމުގައެވެ. ވީއިރު މިވީ ކިހިނަކުން ހެއްޔެވެ؟

ބުނަން ހެއްޔެވެ؟ ބަލިތައް ފެތުރުމާއި ބަލިޖެހުމާއި ގުޅޭގޮތުން ވާހަކަދައްކާއިރުވެސް އަދި ވާހަކަފަތުރާއިރުވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި މަތިވެރިކަމަށް އުނިކަން އަންނާނެ ޢިބާރާތްތަކުން ވާހަކަނުދައްކާށެވެ. އެއިރުން އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ.

ރޯގާޖެހުން، ހުންއައުން ފަދަ ކަންކަން މެދުވެރިވުމުން ބައެއް މީހުން ވަރަށް ފަސޭހައިން މޫސުމާއަޅުވައި ނިންމައިލައެވެ. ބަލިވުމަކީ މޫސުމުގެ ސަބަބުން މެދުވެރިވި ޙާލަތެއްކަމަށް ހަދައެވެ.  

ކަމުގެ އަޞްލަށް ބަލައިފިނަމަ މޫސުން ފިނިވެ ހޫނުގަދަވަނީ އެކަމަށް ﷲ އިރާދަކުރެއްވެވުމުންނެވެ. މޫސުން ކިތަންމެ ފިނިގަދަވިނަމަވެސް އެންމެން ހުމެއް ނައުދެއެވެ. އެންމެންނަކަށް ރޯގާއެއްވެސް ނުޖެހެއެވެ.

ބަލިވަނީ ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅެކެވެ. ވީމާ ބައްޔެއްވާއިރަށް މޫސުމާ އެކަނި އަޅުވައި ނިންމައިނުލާށެވެ. އެއީ މޫސުމުގެ ގޮތުން މެދުވެރިވިކަމެއް ނަމަވެސް މެއެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެކަމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ކަމުގައިވާތީއެވެ. މިކަންކަމަކީ މުސްލިމުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/194533/is-it-permissible-to-say-you-got-a-cold-because-of-changes-in-the-weather

 

މިއަދު އޮންލައިން