އެސްޓީއޯގެ ބޭސް ފިހާރަތައް ޖުލައި 1 އިން ފެށިގެން ސްޓޭޓް ފަރމާގެ ދަށަށް ބަދަލުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެސްޓީއޯގެ ބޭސް ފިހާރަތައް ޖުލައި 1 އިން ފެށިގެން ސްޓޭޓް ފަރމާގެ ދަށަށް ބަދަލުވަނީ

އެސްޓީއޯގެ ދަށުން މިހާރު ހިންގަމުން އަންނަ ބޭސް ފިހާރަތައް، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އާ ބޭސް ކުންފުނި، ސްޓޭޓް ފަރމަސޫޓިކަލް (ސްޓޭޓް ފަރމާ) ގެ ދަށަށް ބަދަލުވާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް ފަރމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ކުންފުނީގެ ފަރާތުން މިހާރު ބޭސް ގެނައުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްޓޭޓް ފަރމާއިން ވަނީ ޚާއްސަ ޕޯޓަލްއެއް ތަޢާރަފްކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީއަށް ގިނަވެގެން ދެ ހަފްތާ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑރ. ޝާހް މާހިރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ފެށިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ފާހަގަވީ ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމެވެ. އެހެންކަމުން ކުންފުނިން އެންމެ އިސްކަމެއް ދިނީ ލައިވްކޮށް ސްޓޮކް ބެލޭނެ ނިޒާމެއް ޤާއިމްކުރުމަށެވެ.

"އެހެންވީމަ އެއަށް ހައްލެ ގެނައުމަށް އަޅުގަނޑުމެން ސްޓޮކް ލައިވްކޮށް އެނގޭނެ ގޮތް [ހަދައިފިން] ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. ފުރަތަމަ ކަމަކީ ސަރުކާރުގެ ހުރި ބޭހާއި ނެތް ބޭހާއި އެނގޭނެ ގޮތް، އެނގުން. ފާމަސީތަކުގައި ހުރީ ކޮން ބޭހެއްތޯ ކޮން ކުއަންޓިޓީއެއްތޯ ހުސްވަނީ. އެއީ ދުރާލާ އެނގިގެން ފޯކާސްޓް ހެދޭނެ ނިޒާމެއް މިގެންނަނީ،" ޑރ. ޝާހް ވިދާޅުވިއެވެ.

މި އާ ނިޒާމުގެ ސަބަބުން ހެލްތު މިނިސްޓްރީއަށާއި ރެގިއުލޭޓަރީ އިދާރާތަކަށް ބޭހުގެ ސްޓޮކް ހުރި މިންވަރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި، މީގެ ސަބަބުން ބޭސް ހުސްވުމުގެ ކުރިން ފޯކާސްޓް ހަދައި ބޭސް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ސްޓޭޓް ފަރމާއިން ލަފާކުރެއެވެ.

މިއަދު އޮންލައިން