ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 46ސ
ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނާގެ ސިއްހަތަށް ހުރި އެންމެ ބޮޑު އެއް ނުރައްކަލެވެ. މިއީ ހަމައެކަނި ފަރުދެއްގެ ސިއްހަތަށް ލިބޭ ގެއްލުމެއް ނޫނެވެ. މިއީ މުޅި މުޖުތަމައުގެ ދުޅަހެޔޮކަމާއި، އިޤްތިސާދާއި، ކުރިމަގުގެ ޖީލުތަކާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ، އިޖުތިމާޢީ އަދި އިޤްތިސާދީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަކީ މިއަދު ޤައުމީ ފެންވަރެއްގައި އިސްކަންދޭންޖެހިފައިވާ މުހިންމު ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ ގެއްލުންތަކަކީ ނުހަނު ގިނަ އަދި ނުރައްކާތެރި ކަންތައްތަކެކެވެ. ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އާންމުކޮށް ފެތުރޭ ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ސަބަބުތަކުގެ ތެރޭގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނެއެވެ. އޭގެ އިތުރުން، ނޭވާލާ ނިޒާމާއި ފުއްޕާމޭގެ އެކި ބަލިތަކާއި، ކެންސަރާއި، ހިތުގެ ބަލިތައް ފަދަ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކަށް އިންސާނުން ހުށަހެޅޭ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގައި މީހުން މަރުވާ ރޭޓުގެ %84 އަކީ ގައިންގަޔަށް ނުއަރާ ބަލިތަކާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ހިރާސްތަކާ ގުޅުންހުރި މަރުތަކެވެ.

ޚާއްސަކޮށް، ދުންފަތުގެ ދުމުގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ގެއްލުން އެތައް ގުނައެއް ބޮޑެވެ. "ސެކަންޑް ހޭންޑް ސްމޯކް" ނުވަތަ އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމަށް ހުށަހެޅުމުގެ ސަބަބުން ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅި، ނޭވާލާ ނިޒާމުގެ ބަލިތަކަށް އެކުދިން ހުށަހެޅިގެންދެއެވެ. ސިނގިރޭޓާއި އެހެނިހެން ގޮތްގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގައި ހިމެނޭ ނިކޮޓީންގެ ސަބަބުން ދެވިހިފާ ކަމަކަށް ވާތީ، މިއީ ފަސޭހައިން ދޫކޮށްލަން އުނދަގޫ ވަބާއަކަށް މިއަދު ވަނީ ވެފައެވެ.

މި ނުރައްކާތެރި ހާލަތުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، މި ސަރުކާރުން ވަނީ ވަރަށް ވަރުގަދަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ދާދިފަހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފައެވެ. މި ކެމްޕެއިން އިފްތިތާޙހުކުރެވުނީ ބައިނަލްއަޤްވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޞިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

މި ކެމްޕެއިންގެ ދަށުން ސަރުކާރުން ވަނީ ދުރުރާސްތާގެ މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ. ވަޒީރު ޤީލާ ޢަލީ ވިދާޅުވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުރު މުއްދަތެއްގައި ނަތީޖާ ހާސިލުކުރެވޭނެ ކަމަކަށް ނުވާތީ، މި މަސައްކަތުގައި ސަރުކާރާއި، ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން ނުހަނު މުހިންމެވެ. މިހާތަނަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ވޭޕް މަނާކުރުމާއި، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ބަދަލުކުރުން ހިމެނެއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅަކީ 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރަން ފެށުމެވެ.

މި ޤައުމީ ކެމްޕެއިންގެ ދަށުން ތައުލީމީ ދާއިރާގައިވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، ހުރިހާ ސްކޫލްތަކެއްގައި ދަރިވަރުންނަށާއި، މުދައްރިސުންނަށާއި އާއިލާތަކަށް ދުންފަތުގެ ގެއްލުންތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ހިންގޭނެއެވެ. މީގެ އިތުރުން، ކުޅިވަރާއި ޒުވާނުންގެ ދާއިރާއިންނާއި، މަދަނީ ޖަމިއްޔާތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިފަދަ ހަރަކާތްތައް ހިންގާ ޖަމިއްޔާތަކަށް ސަރުކާރުގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެކެވެ. ސަރުކާރުން އިފްތިތާޙު ކުރި 5 އަހަރުގެ މި ކެމްޕެއިނަކީ ދިވެހި ޒުވާނުންނާއި ކުރިމަގުގެ ޖީލުތައް މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް އެޅުނު ވަރަށް ވަރުގަދަ ބިންގަލެކެވެ. އެންމެން ގުޅިގެން، އެކަކު އަނެކަކަށް ހިތްވަރުދީގެން މަސައްކަތް ކޮށްފިނަމަ، ދިވެހިރާއްޖެއަކީ ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ، ދުޅަހެޔޮ، ފާގަތި ޤައުމަކަށް ހެދިދާނެއެވެ. އަމާޒަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ.

މިއަދު އޮންލައިން