އަޅުގަނޑުގެ ފާފަތަކުގެ ސަބަބުން ދުޢާ އިޖާބަވުމަށް ހުރަސްއެޅެނީ ހެއްޔެވެ؟: ސުވާލަށް ޝައިޚް އާސިމް އަލް ޙަކީމްގެ ޖަވާބު-

ކިޔުމަށް ހޭދަވާނީ 2މ 33ސ
އަޅުގަނޑުގެ ފާފަތަކުގެ ސަބަބުން ދުޢާ އިޖާބަވުމަށް ހުރަސްއެޅެނީ ހެއްޔެވެ؟: ސުވާލަށް ޝައިޚް އާސިމް އަލް ޙަކީމްގެ ޖަވާބު-

ޢާއިޝަތު ރަފާޙް ޢަލީ 

ﷲ  ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ކުރާ ދުޢާ އިޖާބަކުރައްވާނެކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަވުން ވަރަށް ގާތް ވަގުތެއްކަންވެސް އެނގެއެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި އަޅުގަނޑު ދުޢާ ކުރަމުން އައި ނަމަވެސް، އެ ދުޢާތައް އިޖާބަވަމުންދާ ތަނެއް ނުފެނެއެވެ. އެހެންކަމުން، ދުޢާ އިޖާބަވުމަށް ހުރަސްއަޅާ ކަންތައްތަކެއް ހުރޭތޯ އަޅުގަނޑު އޮޅުންފިލުވަން ބޭނުމެވެ. އެއީ ބައެއް ކަންކަމަކީ ވަކި ވަގުތެއްގައި ފުރިހަމަވާން ކަނޑައެޅިފައިވާ ކަންކަމަށް ވާތީއެވެ.

އާދެ، މީގެ ކުރިންވެސް އަޅުގަނޑު ބަޔާންކޮށްފައިވާނޭ ފަދައިން، ﷲ ތަޢާލާ ހުރިހާ ދުޢާއެއް އިޖާބަކުރައްވަވައެވެ. އެކަމަށް ހުރަސްއަޅާ ފަދަ ކަމެއް (މިސާލަކަށް: ޙަރާމް ތަކެތި ކެއުމާއި، ޙަރާމް މުޢާމަލާތްތަކުގައި ބައިވެރިވުން ފަދަ ކަންކަން) މެދުވެރިނުވާހާ ހިނދަކުއެވެ. 

ޢާންމު ގޮތެއްގައި ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ ﷲ ތަޢާލާ އަޅުގަނޑުމެންގެ ދުޢާ އިޖާބަކުރައްވާ ކަމަށެވެ. ނަމަވެސް، އެ ދުޢާ އިޖާބަވެގެން އަންނަނީ މައިގަނޑު ތިން ގޮތަކަށެވެ: 

ފުރަތަމަ ގޮތަކީ، ތިބާ ބޭނުންވި ކަންތައް ސީދާ އެގޮތަށް ފުރިހަމަވުމެވެ. މިސާލަކަށް، "ޔާ ﷲ! އަޅުގަނޑަށް 1,000 ޑޮލަރު ދެއްވާނދޭވެ!" މިފަދައިން ދުޢާކުރުމުން، ކޮންމެވެސް ގޮތަކުން އެ ފައިސާ ލިބުމެވެ. އެއީ ކުރިން މީހަކަށް ދީފައި އޮތް ފައިސާއެއް އެމީހަކު އަނބުރާ ދިނުމުން ކަމަށް ވިޔަސް، ނުވަތަ ތަރިކައިގެ ގޮތުގައި ލިބޭ އެއްޗަކުން ކަމަށް ވިޔަސް، ނުވަތަ މީހަކު ދޭ ހަދިޔާއަކުން ކަމަށް ވިޔަސްމެއެވެ. މިއީ ދުޢާގެ ސީދާ ޖަވާބު ލިބުމެވެ. 

ދެވަނަ ގޮތަކީ، ތިބާ އެދޭ ކަންތައް ސީދާ އެގޮތަށް ފުރިހަމަނުވި ނަމަވެސް، އެ ދުޢާގެ ސަބަބުން ކުރިމަތިވާން އޮތް ބޮޑު މުޞީބާތަކުން ނުވަތަ ގެއްލުމަކުން ﷲ ތަޢާލާ ތިބާ ސަލާމަތްކުރެއްވުމެވެ. މިސާލަކަށް، ތިބާ 1,000 ޑޮލަރަށް އެދި ދުޢާކުރި ނަމަވެސް އެ ފައިސާ ނުލިބިދާނެއެވެ. ނަމަވެސް، އެދުވަހު ތިބާގެ ކާރު އެކްސިޑެންޓްވެ، އެ ފައިސާއާ އެއްވަރުގެ ބޮޑު ގެއްލުމެއް ލިބެން މިންވަރުކުރައްވާފައި އޮވެދާނެއެވެ. ދުޢާގެ ސަބަބުން، ﷲ ތަޢާލާ އެ މުޞީބާތް ތިބާގެ ކިބައިން ދުރުކުރައްވަވައެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ އެއީ ހަމަ ނަސީބު ރަނގަޅުކަމުން ނުވަތަ އަމިއްލަ މޮޅުކަމުން ވީ ކަމެއް ކަމަށެވެ. އެކަމަކު ހަޤީޤަތަކީ އެއީ ތިބާ ކުރި ދުޢާގެ ސަބަބުން މިންވަރުކުރެއްވި ރަޙުމަތެއް ކަމެވެ. 

ތިންވަނަ ގޮތަކީ، ދުނިޔެމަތީގައި އެ ދުޢާގެ އެއްވެސް ނަތީޖާއެއް ނުފެނި، އާޚިރަތަށްޓަކައި އެ ދުޢާ ރައްކާކުރެއްވުމެވެ. ޤިޔާމަތް ދުވަހު ތިބާ ހިސާބުބައްލަވާ ހިނދު، ފަރުބަދަތަކެއް ފަދަ ބޮޑެތި ހެޔޮކަންތައްތަކެއް ފެންނާނެއެވެ. އެއީ ތިބާ ކުރި ކަންކަން ނޫން ކަމަށް ހީވެ އަންތަރީސްވާނެއެވެ. އެހިނދު، އެއީ ތިބާ ދުނިޔެމަތީގައި ކުރި ދުޢާތަކުގެ ބަދަލުގައި ﷲ ތަޢާލާ ރައްކާކުރައްވާފައިވާ ޘަވާބުކަމުގައި ބުނެވޭނެއެވެ.

އެހެންކަމުން، ދުޢާކުރުން ދޫކޮށްނުލާށެވެ. މަރުވަންދެންވެސް ގިނަގިނައިން ދުޢާކުރަމުން ގެންދާށެވެ. އެހެނީ، ޝައްކެއްނެތް ގޮތުގައި ﷲ ތަޢާލާ ތިބާގެ ދުޢާ އިޖާބަކުރައްވަވައެވެ. 


- ޝައިޚް ޢާޞިމް އަލްޙަކީމް  

- މިއަދުނޫސް

 

                   

މިއަދު އޮންލައިން